ދިވެހިރާއްޖޭ ގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު އިމްރާން މުޙައްމަދު، 20 އަހަރަށްފަހު، އޭނާގެ އަންގި ބޭލުމަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

މެދު ކެނޑުމެއްނެތި 16 އަހަރު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ގޯލް ކީޕަރު އިމްރާން ފުޓުބޯޅަ ކުޅުން ހުއްޓާލީ އޭނާ މި ސީޒަނުގައި ކުޅެމުން އައި ޓީސީ ސްޕޯޓްސްގެ ކޮންޓްރެކްޓް، ސީޒަނުގެ މެދަކާ ހަމައިން އުވާލުމަށް ފަހު އެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން، މި އަހަރު ގައުމީ އިނާމު ހާސިލު ކުރި އިމްރާން، ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން މިކުރީ އެވޯޑް ލިބުނުތާ ތިން ދުވަސް ފަހުންނެވެ.

Ad
rt

އިމްރާން ވިދާޅުވީ ފުޓްބޯޅައަށް ކޮށްދެވުނު ހިދުމަތުގެ އަގު ވަޒަންކޮށް ގައުމީ އިނާމު ލިބުމުން އެކަމާ އުފާކުރާ ކަމަށާއި އެފަދަ ކާމިޔާބީއެއް ލިބުނީ ސަޕޯޓަރުންގެ ވަރަށް ބޮޑު އެހީތެރި ކަމަކާއި އެކުކަން ފާހަގަކޮށް އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އަހަރެން ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިން. މިއީ އެކަމަށް އެންމެ ރަގަޅު ވަގުތުކަމަށްވެސް ގަބޫލުކުރަން. ކުރިއަށް އޮތް ތަނުގައި ޒުވާން ކީޕަރު އުފެދޭނެކަމަށް އުންމީދުކުރަން. އަބަދުވެސް އަހަރެން އެދެނީ ދިވެހި ފުޓްބޯޅަ އަށް ކުރިއެރުން - ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދު

38 އަހަރުގެ އިމްރާން ޕްރޮފެޝަނަލް ފުޓުބޯޅަ ހަޔާތް ފެށި 1999 ވަނަ އަހަރު ކްލަބް އީގަލްސް އިންނެވެ. 2000 ވަނަ އަހަރުންފެށިގެން ގައުމީ ޓީމަށް ކުޅުނު އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭގެ 17 އަހަރު ފަހުން 2016 ވަނަ އަހަރުއެވެ. އިމްރާން ވަނީ ރާއްޖޭގެ ގިނަ ކުލަބު ތަކަކަށް ކުޅެފައެވެ. އެގޮތުން ވިކްޓްރީ، ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، މާޒިޔާގެ އިތުރުން ޓީސީ އަށް އިމްރާން ވަނީ ކުޅެފައެވެ.

މިސަރަހައްދުގައި ބާއްވާ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕް ގައި 7 ފަހަރަކު ކުޅެފައިވެއެވެ. 2003، 2005، 2008، 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެ އިމްރަން ވަނީ 2008 ވަނަ އަހަރު ރާއްޖެ އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އަދި 2003 އާއި 2009 ގައި ދެ ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ދެކުނު އޭޝިޔާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އިމްރާން ވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަށެވެ.

ގައުމީ ޖޯޒީގައި ބޮޑު ފަސް މުބާރާތުން ކަރުގައި މެޑަލް އަޅުވާލި އިމްރާން އަކީ ޒުވާން ކީޕަރުންނަށް ނަމޫނާ ފަރާތެކެވެ. ހާއްސަކޮށް އިމްރާން އަކީ ފުޓުބޯޅައިގެ ކަންކަމުގައި ބަސްކިޔާ ހިޔާލު ފާޅުކޮށް ހަދާ އަދި ޒުވާން ކީޕަރުންނަށް ހިތްވަރުދެއްވާ އަޙްލާގު ރަނގަޅު ކުޅުންތެރިއެކެވެ.