ކޮވިޑް-19 ގެ ހާލަތު މިހާރު ނިމިއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމެރިކާގެ ރައްޔިތުންގެ ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
މި މޭރުމުން ބައިޑަން ވާހަކަދެއްކެވީ ކޮލަމްބިއާ ބްރޯޑްކާސްޓިން ސިސްޓަމް "ސީބީއެސް" ގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އެވެ. ބައިޑަން ވިދާޅުވީ ކޮވިޑްގެ ހާލަތު ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކޮވިޑާއި ގުޅުން ހުރި މައްސަލަތައް އެބަހުރިކަމަށާއި އެކަންކަމުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބައިޑަންގެ މި ވާހަކަތަކާއި ގުޅިގެން ދެކޮޅު ހިޔާލުގެ އަޑުތައް ގަދަވީ ރައީސްގެ މަގާމުގައި ހުންނަވައިގެން ކޮވިޑްގެ ނަމުގައި އާރާއި ބާރު ބޭނުން ކުރަމުންދާ ކަމަށް ބުނެ އެވެ. އާންމުން ބުނީ ބައިޑަން ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށެވެ.
ކޮވިޑްގެ ހާލަތު މިހާރު އެމެރިކާގައި ނެތް ކަމަށް ވިދާޅުވި އިރު، މާސްކު އެޅުމާއި ވެކްސިން ޖަހަން މަޖުބޫރުވުން އަދިވެސް ނިމުމަކަށް ގެނެސްފައި ނުވާކަމަށާއި ކޮވިޑް އެމަޖެންސީގެ ނަމުގައި ސަރުކާރުން ބޭނުން ގޮތަކަށް ފައިސާ ހަރަދު ކުރަމުންދާ ކަމަށް ބުނެއެވެ.
ބައިޑަންގެ ވާހަކަފުޅަށް ފާޑުކިޔަމުންދާ ވައަތުފިޔައިގެ މީހުން އޭގެ މިސާލެއްގެ ގޮތުގައި ނަގަނީ، ސްޓޫޑެންޓު ލޯނުން އެތައް ޓްރިލިއަން ޑޮލަރެއް މައާފު ކޮށްދިނީ ކޮވިޑް އެމަޖެންސީގެ ނަމުގައި ކަމަށެވެ. އޭގެ ފަހުން މަހެއް ނުވަނީސް ކޮވިޑްގެ ހާލަތު ނެތް ކަމަށް ވިދާޅުވުމަކީ އާރާއި ބާރު ބޭނުން ކޮށްގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރާކަމެއްގެ ގޮތުގައި ސިފަކުރެއެވެ.
އެމެރިކާގެ ކޮންޒަވޭޓިވް ރޭޑިއޯ ހޮސްޓެއް ކަމަށްވާ ބަކް ސެކްސްޓޮން ސޯޝަލް މީޑިއާގައި ހާމަކުރީ، ކޮވިޑް ހާލަތު ނިމުނު ކަމަށް ވިދާޅުވި ރައީސ،ް މީގެ ދެ ހަފްތާ ކުރިން ހުންނެވީ ކޮވިޑުން ސަލާމަތްވާން އާންމުން ތަންތަނަށް ނުކުންނެވި އިރު މާސްކު އަޅުއްވައިގެން ކަމަށެވެ. ދެ ހަފްތާ ފަހުން ކޮވިޑު ނިމިފައިވާ ކަމަށް ވިދާޅުވުމަކީ ކުރައްވަމުންދާ ކެމްޕެއިނެއް ކަމަށް ވިދާޅުވި އެވެ.
ކޮންޒަވޭޓިވްގެ އިތުރު ބޭފުޅުންނާއި އާންމުން ބައިނަލްއަގުވާމީ ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުގައި، ކޮވިޑްގެ ހާލަތު ނިމިއްޖެ ކަމަށް ނިންމާ އިއުލާނު ކުރުމުގެ ކުރިން ޕެންޑަމިކާއި ގުޅިގެން އެޅި ފިޔަވަޅުތައް އުވާލަން ޖެހޭ ކަމަށެވެ. އަދި ހުޅުވާލެވިފައި ހުރި ބަޖެޓުތަކުން އިތުރަށް ކޮވިޑުގެ ނަމުގައި ބޭނުން ނުކުރާނެކަން ރައްޔިތުންނަށް ޔަގީން ކޮށްދޭން ޖެހޭ ކަމަށެވެ.
އެމެރިކާގެ މަޝްހޫރު އެޕިޑެމޮލޮޖިސްޓު ޑރ. އެރިކް ފިއެގް ޑިންގް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑްގެ ހާލަތު ނިމިއްޖެ ކަމަށް ބުނަން އަދި ގާތް ނުވެ އެވެ. އޭނާ ވިދާޅުވީ އަލަށް ފެންނަމުންދާ ވޭރިއަންޓު ތަކާއި ގުޅިގެން ހަދަމުންދާ ޓެސްޓުތަކުގެ ނަތީޖާތައް ނުލިބޭ ކަމަށެވެ.
އެހެންކަމުން އަދިވެސް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނީ އެމެރިކާ ފަދަ ގައުމުތަކުގައި ކޮވިޑް ކޮންޓްރޯލްވެ ނިމުމަކަށް އައުމުގެ ކޮޅުމަތި ނުފެންނަނީ ބައިޑަންމެން ފަދަ ސިޔާސީ ބޭފުޅުންގެ ވާހަކަތަކާއި ގުޅިގެން ކަމަށެވެ.
އެމެރިކާގައި މިވަގުތުވެސް ކޮވިޑް19 އަށް ޕިޒިޓިވް ވެފައިވާ 2,420,137 މީހުން ތިބިކަމަށް ހިސާބުތަކުން ދައްކަ އެވެ. މިބަލީގައި މިލިޔަނެއްހާ މީހުން މަރުވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 97,554,555 އެވެ. އެމެރިކާ އަކީ މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!