ބަނގުރޫޓުވެފައިވާ އަވައްޓެރި ސްރީލަންކާ އިން މިހާރު އެންމެ ބޮޑަށް ދަރާފައިވާ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

ލަންކާ އިން އެންމެ ބޮޑަށް ދަރާފައިވާ ގައުމަށް އިންޑިއާ ވެފައިމިވަނީ ޗައިނާ ކަޓުވާލުމަށް ފަހު އެވެ.

Ad
rt

އިންޑިއާ ސަރުކާރާއި ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ލަންކާ އިން ދަރާފައިވާ ލިސްޓުގެ އެންމެ ކުރިޔަށް އިންޑިއާ އެރީ މިދިޔަ ހަތަރު މަސް ތެރޭގައި ދިންް ލޯނު ތަކުގެ ސަބަބުންނެވެ. އަޑިއަޅާލާފައިވާ ލަންކާގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް އިންޑިއާއިން މިހާތަނަށް 968 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޫކޮށްފައިވެ އެވެ.

މިއަހަރުގެ އޭޕްރިލްގެ ނިޔަލަށް އިންޑިއާއިން ލަންކާއަށް ދޫކޮށްފައިވާ ލޯނު އެހީގެ ތެރޭގައި 377 މިލިއަން ޑޮލަރު އަދި އޭޝިއަން ޑިވެލޮޕްމެންޓު ބޭންކު މެދިވެރިކޮށް ދޫކުރި 360 މިލިއަން ޑޮލަރު ހިމެނެ އެވެ. އެއާއި އެކު ލަންކާގެ ދަރަނީގެ 76 ޕަސެންޓު އަކީ އިންޑިއާ އެވެ.

މީގެ އިތުރުން މިދިޔަ މަހު އިންޑިއާއިން ވަނީ ދަނޑުވެރިކަމާއި ގުޅޭ 21،000 ޓަނުގެ ސާމާނު ފޯރުކޮށްދީފައި އެވެ.

ލަންކާއަށް ދޫކޮށްފައިވާ ލޯނާއި ގުޅޭގޮތުން އދ. ގައި ހުންނަވާ އިންޑިއާގެ ދާއިމީ މަންދޫބު ރުޗިރާ ކަމްޖޯބް ވިދާޅުވީ މިދިޔަ ދެތިން ހަތަރު މަސް ދުވަހުގެ ތެރޭގައި ލަންކާއަށް ހަތަރު ބިލިއަން ޑޮލަރުގެ ކާބޯތަކެއްޗާއި ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާވެސް ލަންކާއޮތް ހާލަތުން އަރައިގަތުމަށް އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީވާނެ ކަމަށް ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި 2017 ވަނަ އަހަރުން 2021 ވަނަ އަހަރާއި ޖެހެންދެން ޗައިނާ އެ މަގާމުގައި އޮތީ 809 މިލިއަން ޑޮލަރުގެ ލޯނު ލަންކާއަށް ދޫކޮށްގެންނެވެ.