ރޭގެ ވަގުތެއްގައި ޖަޕާނަށް އެރި ބާރުގަދަ ތޫފާން "ނަންމަޑޯލް" އާއި ގުޅިގެން ޖަޕާނުގެ ދެކުނުގެ ހުރިހާ ސަރަހައްދެއްހެން ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ޖަޕާން ގަޑިން ރޭ 7:00 ގައި ތޫފާން އެއްގަމަށް އެރީ އެގައުމުގައި ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ސިޓީ ކަމަށްވާ ކަގޯޝިމާ އިންނެވެ. ތޫފާނުގައި 154 މޭލަށް ވައި ޖެހި، މިދިޔަ 24 ގަޑިއިރު ތެރޭގައި 500 މިލިމީޓާރުގެ ވާރޭ ވެހިފައިވާ ކަމަށް ޖަޕާނުގެ މީޓްރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވެ އެވެ.
ޖަޕާން މީޑިޔާއިން ރިޕޯޓު ކުރާ ގޮތުގައި މިހާތަނަށް އެކަކު މަރުވ،ެ 14 މީހުން ވަނީ ތޫފާނާއި ގުޅުން ހުރި އެކި ހާދިސާތަކުގައި ޒަހަމްވެފައި އެވެ. އެމީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު އޭގެ ތެރޭގައި ގަދަވަޔާއި އެކު ގޭ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔުމުން ޒަހަމްވި މީހުންވެސް ހިމެނެ އެވެ.
ތޫފާން "ނަންމަޑޯލް" އާއި ގުޅިގެން ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހަތް މިލިއަން މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިންޒާރު ދީފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭގެ ތެރެއިން 20،000 މީހުން މިހާރު ތިބީ ރައްކާތެރި ހިސާބުތަކުގައި ހަދާފައިވާ ވަގުތީ ހިޔާތަކުގައި އެވެ.
ޖަޕާނަކީ އާންމުކޮށް ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހޭ ގައުމެކެވެ. އެގައުމުގެ ވެދާ މޮނިޓަރިން އެންޑް ވޯނިން ސެންޓަރުން ބުނީ އެހެން ދުވަސްތަކާއި ހިލާފަށް މި ތޫފާނުގައި އެ ގައުމަށް މީގެން އަހަރުތަކުގައި ނުވެހޭހާ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ތޫފާނާއި ގުޅިގެން އެ ގައުމުގެ ދެ ލައްކައަށްވުރެ ގިނަ ގެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ. ތޫފާންގެ އަސަރު ކުޑަވަންދެން ރޭލާއި، ފްލައިޓު އަދި ފެރީގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފަ އެވެ. އަދި ފިހާރަތައްވެސް ވަނީ ބަންދުކޮށްފަ އެވެ.
މި ތޫފާނަކީ 2021 ވަނަ އަހަރާއި 2019 ވަނަ އަހަރު ޖަޕާނަށްކުރި ވިއްސާރައިގައި ވި ގެއްލުމަށްވުރެ ބޮޑު ތޫފާނަކަށް ވާނެ ކަމަށް އެ ގައުމުގެ މީޓްރޮލޮޖީ ސެންޓަރުން ލަފާ ކުރެ އެވެ. މިދިޔަ އަހަރު އެރި ތޫފާނުގައި 14 މީހުން މަރުވި އިރު 2019 ވަނަ އަހަރުގެ ވިއްސާރައިގަ އައްސޭރި ފަށުގެ ސިޓީތަކުން 200 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
އެ ސެންޓަރުން ލަފާ ކުރާ ގޮތުގައި "ނަންމަޑޯލް" މިއަދު ނޫނީ މާދަމާ ވެރިރަށް ޓޯކިޔޯއަށް އަރާނެ އެވެ. ތޫފާނުގެ އަސަރު ކުޑަވާނެކަމަށް ލަފާ ކުރެވެނީ ބުދަ ދުވަހުގެ ރޭ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!