ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ހައްޔަރުކުރި ދެ ބިދޭސީންނާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު އެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގަ އިންޑިއާގެ އެ ދެމީހުންނާއި ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވެއެވެ. އަދި އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
ވީއައިއޭ އިން ހައްޔަރުކުރި އިންޑިއާ ދެ މީހުންނާ ގުޅޭ ގޮތުން ބޭރު މީޑިއާތަކުގައި އަނެއްކާ ވެސް ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައިވާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.
ސައީދުގެ އެ މައްސަލައިގާ ވިދާޅުވެފައިވަނީ ވީއައިއޭ ގައި ހިނގާދިޔަ ހާދިސާގެ ދެފުށްފެންނަ ތަހްޤީ ޤެއް ހިންގުމަށާއި މިހާރުން މިހާރަށް އެއާޕޯޓުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
އެހެންނަމަވެސް ސައީދު ހުށަހެޅި މި ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓާ އެކުގަ އެވެ. ބަހުސްކުރެއްވުމަން ފެންނަ ކަމަށް ވޯޓު ދެއްވީ 6 މެންބަރުން ނެވެ.
އެއާޕޯޓްގައި އެ ހާ ދިސާ ހިނގި ބައިވެރިން ކުރިން ރާއްޖޭގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމާއި މިހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ އައިސް ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށް ސައީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި މިބައްދަލުވުމަށްފަހު ފުލުހުން މިހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުނު ކަމަށް ވެސް ސައީދުގެ މައްސަލައިގައި ތުހުމަތުކޮށްފައި ވެއެވެ.
ސައީދުގެ ކުއްލި މައްސަލައިގާ މިއީ ރޭވިގެން ހިންގާފައިވާ ވަރަށް ނުރައްކާތެރި ޢަމަލެއްކަމާއި މިކަމުގެ ބިރު އަވަށްޓެރި ބައެއް ޤައުމުތަކަށް ވެސް އޮތްކަން ހާމަކޮށްފައިވީ ހިނދު، މިހާދިސާއާއި ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެގެން އިންޑިއާގެ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާތީ އާއި އަދި ޖާސޫސު ކުރިކަމުގެ ހެކި ފުލުހުން ކޯޓަށް ހުށައަޅާފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!