މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އާ ޑްރެޖަރު "ބޮޑު ޖައްރާފު" އިފްތިތާހުކޮށް ގއ. ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ރޭ ދާންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޮޑު ޖައްރާފާ އިފްތިތާހު ކުރެއްވީ، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ދާންދޫ ކައުންސިލް ރައީސް މުޙައްމަދު އާސިފްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އެގޮތުން މި މަސައްކަތުގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
މި މަސައްކަތް ނިމޭއިރު، މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރު ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އަލަށް ހިއްކާ ބިމާއި ދާންދުއާ ބްރިޖަކުން ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.
އާޒިމް ވިދާޅުވީ ދާންދޫގެ އާ ބިން ވެގެންދާނީ ޒަމާނީ ދާންދޫގެ އާ ޙަޔާތެއްގެ ފެށުމަކަށް ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު، ރައްޔިތުން މޫދަށް އެރި، ހިތް އުފާކޮށްލާނެ އަތިރިމަތިތައް ލެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދާންދޫ ބިންހިއްކުމުގެ މަސައްކަތަށް އެމްޓީސީސީން ބޭނުންކުރާނީ އެ ކުންފުނީގެ ބޮޑު ޖައްރާފެވެ. މިއީ މި ޑްރެޖަރު ބޭނުންކޮށްގެން ހިންގޭ ތަރައްޤީގެ އެންމެ ފުރަތަމަ މަޝްރޫއެވެ. ބޮޑު ޖައްރާފު އެމްޓީސީސީގެ ފްލީޓްގައި ހިމެނުމާއެކު، އެމްޓީސީސީވަނީ މި ސަރަޙައްދުގައި ޑްރެޖިންގ ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށްވެފައެވެ.
ބޮޑު ޖައްރާފު ބޭނުންކޮށްގެން ހިންގޭ ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، 975،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 807 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!