ރަޝިއާއިން ޔޫކްރެއިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ބަލަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

އެ ޖަމާއަތުން މިިހެން ބުނެފައި މިވަނީ ހަނގުރާމައިގައި ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތް އިޒީއޫމްގެ ރަށް ބޭރުގައި އެތައް ސަތޭކަ ބަޔަކު މަރާލުމަށް ފަހު ވަޅުލާފައިވާ ސަރަހައްދެއް ފެނިފައިވާކަން ޔޫކްރެއިނުން ހާމަކޮށްފައިވަނިކޮށެވެ. އޭގެ ތެރެއިން އެއް ސަރަހައްދެއްގައި 450 މީހުން މަރާލުމަށް ފަހު ވަޅުލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ.

Ad
rt

މިކަމާއި ގުޅިގެން އީޔޫގެ ރައީސް އަދި ޗެކް ރިޕަބްލިކްގެ ފޮރިން މިނިސްޓަރު ޖޭން ލިޕްވަސްކީ ޓުވީޓާގައި ވިދާޅުވީ މި މައްސަލަ ބައިނަލް އަގުވާމީ ކޯޓަކުން މިމައްސަލަ ވީހާވެސް އަވަހަކަށް ބަލަން ފަށަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާއިން ހިންގާފައިވަނީ ލާއިންސާނީ ބޮޑު ޖަރީމާއެއް ކަމަށެވެ.

އަދި އެއީ 21 ވަނަ ގަރުނުގައި ގައުމެއްގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގާނެ ފަދަ ޖަރީމާއެއް ނޫން ކަމަށް ވިދާޅުވި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނީ ބްލިންކަން ވިދާޅުވީ އިޒީއޫމްއިން ފެނުނު މަރާލާފައިވާ މީހުންގެ ހަށިގަނޑުތަކަކީ ރަޝިއާއިން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި ދެކޮޅަށް ލިބިފައިވާ މުހިންމު ހެކިތަކެއް ކަމަށެވެ.

ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނާ އާއި ހަވަލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަނިޔާވެރި އަމަލުތައް ހިންގައި އެތައް ހާސް ޔޫކްރެއިން ރައްޔިތުން ރަޝިއާއިން މަރާލާފައިވާ ކަމަށެވެ. އެގޮތުން ހަމައެކަނި ކާކިވް ސިޓީންވެސް 1،000 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިން ޔޫކްރެއިންގެ އާންމުން މަރަނީ ލާއިންސާނީ އަނިޔާދީ މަޖުބޫރުން އެތައް ކަމެއް ކުރުވުމަށް ފަހު އެވެ.

މަރާލާފައިވާ މީހުންގެ ހަށިތައް ފެނުމާއި ގުޅިގެން ގައުމާއި މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިން ރައްޔިތުން މަރައި ވަޅުލާފައިވާ 10 ސަރަހައްދެއް މިހާތަނަށް ފެނިފައިވާ ކަމަށެވެ. އެވަޅުތަކުން ފެންނަމުންދާ ހަށިތަކުން ކަރަންޓު ޝޮކްދީގެން އަނިޔާދީފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ މި އަމަލުތައް ބަލައި ކޯޓު މެދުވެރިކޮށް ނުވަތަ އެހެންގޮތަކުން ނަމަވެސް ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށެވެ.

ޔޫކްރެއިންގެ އާންމުން މެރިކަމަށް ދެކެވޭ ތުހުމަތުތައް ރަޝިއާއިން ދަނީ ދޮގު ކުރަމުންނެވެ. އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ޔޫކްރެއިންގެ އެއްވެސް އާންމު ރައްޔިތަކަށް އަނިޔާވެރިވެ ހަމަލާދީ މަރާފައެއް ނުވާނެ އެވެ.

ޔޫކްރެއިން ހަނގުރާމައަށް ހަމަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ޔޫކްރެއިން އިން ދަނީ ސަފުތައް އަލުން ބަދަހިކޮށް ހަނގުރާމައިގަ ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ ހަތަރުވަރަކަށް މަސް ދުވަހު ރަޝިއާގެ ބާރުގެ ދަށުގައި ހުރި އެ ގައުމުގެ ބައެއް ހިސާބުތައް ވަނީ މިނިވަން ކޮށްފަ އެވެ.