އިނގިރޭސި ޕްރިމިއާ ލީގުގައި ހަވީރު އާސެނަލްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ލީގުގައި އާސެންލުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. މި މެޗަށް އާސެނަލް ނުކުތްއިރު އޮތީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެއީ ރޭ ސިޓީއާއި ޓޮޓެންހަމް ކުޅުނު މެޗުތަކުން އެ ދެ ޓީމް މޮޅުވުމުންނެވެ. މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ލިބިފައެވެ. މިވަގުތު ދެވަނާގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެން ސިޓީއެވެ. ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނާގައި އޮތީ ޓޮޓެންހަމެވެ. މިއަދު މެޗުން ބަލިވި ބްރެންޓްފޯޑް މިވަގުތު އޮތީ ކުޅުނު ހަތް މެޗުން ލިބުނު 9 ޕޮއިންޓާއިއެކު ތާވަލުގެ ނުވަވަނާގައެވެ.

Ad
rt

މިއަދު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ސާކާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ވިލިއަމް ސާލިބާއެވެ. ދެވަނަ ލަނޑު 28 ވަނަ މިނެޓުގައި ޝާކާ ބްރެންޓްފޯޑްގެ އޭރިއާތެރެއަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ގެބްރިއަލް ޖީސަސްއެވެ.

އާސެނަލުން ތިންވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ 49 ވަނަ މިނެޓުގައެވެ. ބުކަޔޯ ސަކާ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފަބިއޯ ވިއެއިރާއެވެ.

އާސެނަލުން ވަނީ މެޗުގެ އިތުރު ވަގުތުގައި އުމުރުން 15 އަހަރުގެ އީތަން އެންވަނޭރީ ކުޅެން އަރުވައިފައެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. މި މެޗުގައި ކުޅެން އެރިއިރު، އީތަންގެ އުމުރަކީ 15 އަހަރާއި 181 ދުވަހެވެ.