ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެލްތު މިނިސްޓްރީން ގައިޑްލައިންތަކެއް އިފްތިތާހު ކޮށްފި އެވެ.
މި ގައިޑުލައިން ތައް އިފްތިތާހުކޮށްފައިވަނީ "ވޯލްޑް ޕޭޝަންޓް ސޭފްޓީ ދުވަސް" ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގަ އެވެ.
މިއަދު ބޭއްވިގެންދިޔަ ޖަލްސާއަކީ ރާއްޖޭގައި މިދުވަސް ފާހަގަ ކުރުމަށާއި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ތައްޔާރުކޮށްފައިވާ ނެޝަނަލް ސްޓޭންޑަޑް ފޯ ކްލިނިކަލް ލެބޯޓްރީސް، ނެޝަނަލް ގައިޑްލައިން އޮން އެންޓިނޭޓަލް އެންޑް ޕޯސްނޭޓަލް ކެއަރ އިން މޯލްޑިވްސް، ނެޝަނަލް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ގައިޑްލައިން، ހޮސްޕިޓަލް އެކުއަރޑް އިންފެކްޝަން އެންޑް ޕްރިވެންޝަން ގައިޑްލައިން އަދި މޯލްޑިވްސް ހެލްތުކެއަރ ކޮލިޓީ ސްޓޭންޑަޑްސްގެ ޑިޖިޓަލް ޕްލެޓްފޯމް އިފްތިތާހު ކުރުމަށް ބޭއްވުނު ހަފްލާއެކެވެ.
ބަލިމީހާއަށް ލިބިދޭންޖެހޭ ރައްކާތެރިކަން ނުލިބުމުގެ ސަބަބުން މުޅި ދުނިޔޭގެ ނިސްބަތުން އަހަރަކު 134 މިލިއަން މީހުންނަށް އެކިކަހަލަ ގެއްލުންތައް ލިބެމުންދާއިރު، މީގެ ތެރެއިން 2.6 މިލިއަން މީހުން، މަދު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުން ކޮންމެ އަހަރަކު މަރުވަމުން ދެއެވެ. އަދި މީގެ ތެރެއިން 40% މީހުންނަށް ލިބޭގެއްލުންތަކަށް ބަލާއިރު އެއީ އެޑްމިޓްނުކޮށް ދެވޭ ފަރުވާދިނުމުގަ އެވެ.
މިއީ އަމިއްލަ ފަރާތްތަކުން ކުރަންޖެހޭ ހަރަދުތަކާއި އަދި ޤައުމުތަކުގެ އިޤްތިސާދަށް ވެސް އަސަރުކުރާނެ ކަމެކެވެ.
ކޮންމެ އަހަރެއްގެ ވެސް 17 ސެޕްޓެމްބަރ އަކީ "ވޯރލްޑް ޕޭޝަންޓް ސޭފްޓީ" ދުވަހުގެ ގޮތުގައި ކަނޑައަޅާ، އެދުވަސް ފާހަގަ ކުރުމަށް ޑަބްލިޔު.އެޗް.އޯއިން ވަނީ ނިންމާފައެވެ.
މި މަސައްކަތްތަކަކީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއިއެކު ކުރެވިފައިވާ މަސައްކަތެކެވެ. މިއަހަރުގެ ޕޭޝަންޓް ސޭފްޓީ ދުވަހުގެ ޝިއާރަކީ،" މެޑިކޭޝަން ސޭފްޓީ –މެޑިކޭޝަން ވިތައުޓް ހާރމް" އެވެ. 2019 ގެ ތަފާސްހިސާބަށް ބަލާއިރު ކޮންމެ 10 ބަލިމީހަކުން އެކަކަށް ވަނީ ފަރުވާލިބުމުގެ ތެރޭގައި ގެއްލުމެއް ލިބިފައެވެ.
ސިއްހީ ފަރުވާދޭ ފަރާތްތަކުން ބަލިމީހާއަށް ބޭސް ބޭނުންކުރަންވާ ގޮތް ރަނގަޅަށް އެފަރާތްތަކަކަށް އެނގޭވަރަށް ކިޔައިދިނުން މުހިއްމެވެ.
މިޔަދު އިފްތިތާހު މިކުރެވުނު ގައިޑްލައިންތަކަކީ ފަރުވާދޭ ފަރާތްތަކާއި، ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދާ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށާއި ފަރުވާލިބުމުގެ ތެރޭގައި ލިބޭ ގެއްލުން މަދު ކުރުމަށް އެޅިގެންދާނެ އިތުރު ބިންގަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!