ގދ. ގައްދޫ ގައި ޓާރޯ ލީފް ބްލައިޓަށް ރެސިޓެންޓް އަލައިގެ މުޑުވައް ކުރަން ފަށައިފިއެވެ.

އެރަށުގެ ދަނޑުވެރިންނާއި އެކު އެ މަސައްކަތް ފައްޓަވައި ދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

Ad
rt

މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ތިލަދުން އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، އަލަ ހައްދާ ރަށްރަށުގެ އަލަ ދަނޑުތަކަށް ޓާރޯ ލީފް ބްލައިޓް ނަމަކަށް ކިޔާ ބައްޔެއް ޖެހެމުން އަންނާތީ އެކަމުގެ ޝަކުވާ ދަނޑުވެރިންގެ ފަރާތުން ލިބެމުންއަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މިއީ އެކަން ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އައި މިންނެތް މަސައްކަތުގެ ފެށުން ކަމަށެވެ.

"މިއީ އަލަ ގަހުގެ ފަތްތަކަށް ޖެހޭ ބައްޔެއް. ފަތްތަކުގެ ލަފެއް ޖަހާ ރީނދޫވެ ކަޅުވެ ފީވަނީ. ހާއްސަކޮށް ފުވައްމުލައް، ފިޔޯރީ، ވާދޫ އަދި ގައްދޫގެ ދަނޑުވެެރިން މި ޝަކުވާ ކުރަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ. ދެން މިކަމަށް ހައްލެއް ހޯދުމަށް ކުރަމުން އައި މަސައްކަތުން ކެންޔާގެ ޔުނިވާސިޓީއެއްގައި ހަދަމުން ދާ ރިސާޗުތަކުން މިކަން ކުރަމުން މިގެންދަނީ."

މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ޔުނިވާސިޓީން ގެނައި 500 ވަރަކަށް ގަސް ފުރަތަމަ ބަހައްޓައިގެން ހައްދާފައިވަނީ ހަނިމާދޫ ގައި ކަމަށެވެ. ނަމަވެސް އެ ރަށުގައި އެ ބަލި (ޓާރޯ ލީފް ބްލައިޓް) ނެތީމަ، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ބަހަން ނިންމީ ކަމަށެވެ.

އެގޮތުން ހޯޑެއްދޫ، ގައްދޫ، ވާދޫ، ފިޔޯރީ އަށް ގަސް ހަވާލުކޮށްފައިވާނެ ކަމަށާއި ފުވައްމުލަކަށް ވެސް މިއަދު ގަސް ހަވާލުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގަސްތަކަށް ބަލި ޖެހޭ ކަން ނުވަތަ ނޫން ކަން އެ ރަށްރަށުގެ ދަނޑުވެރިން ހިއްސާކުރަމުން ގެންދާނެ ކަމަށާއި އަދި ބަލި ޖެހެނީ ކިހާ ވަރަކަށް ކަން ވެސް އަންގަމުން ގެންދާނެ ކަމަށެވެ.

ކައުންސިލުތަކާ އެކު އެގްރީމެންޓެއް ހަދައި، ދަނޑުތަކުގެ ހާލަތު ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.