މިފްކޯގެ މަސް ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހުޅުވައިފިއެވެ.
މި ފިހާރަ ހުޅުވައި ހިދުމަތް ދޭން ފަށާފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މަސްފިހާރަ ހުޅުއްވައިދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އާއި މިފްކޯގެ ޗެއާމަން އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.
މިފްކޯގެ ޗެއާމަން ހުސައިން އަމްރު ވިދާޅުވި ގޮތުހައި ދެވަނަ ފިޔަވަހީގައި މިފްކޯ މަސްފިހާރައެއް ހުޅުވީ ބޮޑު އާބާދީއެއް އޮންނަ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ހެޔޮއަގުގައި، ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަށެވެ. އަދި މި ފިހާރަވެގެންދާނީ މިފްކޯގެ ހިދުމަތްތަކަށް ލިބުނު އިތުރު ކުރިއެރުމަކަށް ކަމަށް އަމްރު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯގެ ފަރާތުން އާ އުފެއްދުންތައް މިހާރުވެސް އަންނަން އެބަހުރި ކަމަށާއި ކައިރި މުސްތަގްބަލެއްގައި ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ނިމި، މި އުފެއްދުންތައްވެސް މާކެޓަށް ނެރެވިގެންދާނެ ކަމަށެވެ.
އާންމުންގެ އިތުބާރު ހޯދައިވާ މިފްކޯގެ ހުރިހާ އުފެއްދުމެއް މެދުކެނޑުމެއްނެތި ލިބެން ހުންނާނެ އެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިފްކޯގެ ފަރާތުން ކުންފުނީގެ އުފެއްދުންތައް ރަހަބަލާލުމުގެ ފުރުސަތު އާންމުންނަށް ރޭގައި ހުޅުވާލިއެވެ.
އެގޮތުން ޝެފް ނަހީޒް (ނާބެ) ވަނީ މިފްކޯގެ ކަސްޓަމަރުންގެ އެންމެބޮޑު ތަރުހީބު ލިބިފައިވާ އުފެއްދުންތަކާއި އަލަށް ތައާރަފްކޮށްފައިވާ ތެޔޮ އުކާލަން ނުޖެހޭ “ޑްރެއިން ކަނޑުމަސް ޗަންކްސް” މަސްދަޅު ބޭނުންކޮށްގެން ރަހަމީރު ޑިޝްތައް ތައްޔާރުކޮށްފައެވެ.
@mifcomvގެ މަސްފިހާރައެއް ހިޔާ ސަރަހައްދަށް!
ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ބޭނުންތެރި ހިދުމަތްތައް ބަލައި، މިކޯޕަރޭޝަނުންދަނީ އެހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން! pic.twitter.com/UlVl5Hvbhb
— HDC (@hdcmaldives) September 15, 2022
މި ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ރޭގަނޑު 10:00 އަށް ހިޔާ ފްލެޓްގެ ޓަވާ ދޭއްގެ ގްރައުންޑް ފްލޯގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!