ރަށްރަށުން ޔުޓިލިޓީ ހިދުމަތްތަކަށް ދޫކުރާ ބިންތަކުން ކުލި ނެގުމަކީ ކުރަން ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހަފްތާގައި ލ. ގަމުގައި ކުރިއަށްދިޔަ ވިއަމަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސްގައި ބައެއް ކައުންސިލްތަކުން ވަނީ ޔުޓިލިޓީ ހިދުމަތަށް ދޫކުރާ ބިންތަކުން ކުލި ނަގައި ކައުންސިލަށް ލިބޭ ގޮތް ހަދަން ފެންނަ ކަމަށް ޚިޔާލު ހުށަހަޅައިފައެވެ.
ކައުންސިލްތަކުން ފާޅުކުރި ހިޔާލުތަކާ ގުޅިގެން ރައީސް ވިދާޅުވީ، ޔުޓިލިޓީ ކުންފުނިތަކަށް ދޫކޮށްފައި ހުރި ބިންތަކުން ކުލި ނެގުމުގެ ބަދަލުގައި މިހާރެކޭ އެއްގޮތަށް ވީހާވެސް ފަސޭހައިން ކައުންސިލްތަކުން ބިން ދޫކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ކުންފުނިތަކުން ދޭ ހިުދމަތް ރަނގަޅަށް ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑަށް ފެންނަނީ މިހާރު އޮތް ގޮތަށް ތިބޭފުޅުންނަށް ދެވެން އޮތް ވީހާވެސް ފަސޭހައެއް ޔުނިޓިލިޓީ ކުންފުނިތަކަށް ބިން ދޫކުރުން. އެކަމަކު ހިދުމަތްތައް ރަނގަޅަށް ދެއްވަންވާނެ. އަދި ޑިސްކައުންޓް ދޭންޖެހޭ ހާއްސަ ހިދުމަތްތަކަށް ލުއި ގޮތްތަކެއް ފެނަކައިންނާއި ސްޓެލްކޯއިން މަސައްކަތް ކުރަން އަޅުގަނޑު އިލްތިމާސްކުރަން،” ރައީސް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވެފައިވާއިރު އެންމެ ގިނަ ރަށްތަކުގައި ޔުޓިލިޓީގެ ހިދުމަތް ދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކުންފުނި މިހާރުވެސް ފާހަގަވަނީ ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލް މަދަރުސާތަކާއި އިޖުތިމާއީ އެކި ފަރާތްތަކަށް ދަތިވެ ނުކުރެވި ހުންނަ ގިނަ ކަންތައްތަކުގައި ބޮޑެތި އެހީތެރިކަން ފޯރުކޮށްދީ، ރަށްރަށުގެ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ދޭ ކުންފުންޏެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!