ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ތ. ގާދިއްފުށިން ހައްޔަރުކޮށްފިއެވެ.
އެކުއްޖާ ހައްޔަރުކޮށްފައިވަނީ ގާދިއްފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ހައްޔަރުކޮށް އެކުއްޖާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އަދި މިމައްސަލަ ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންކަމުގައި ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތުވަނީ ފުލުހުންނަށް ދީފައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!