ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ހޯޑެއްދޫގައި ބޭއްވި މި ރަސްމިއްޔާތުގައި މަޑަވެލީ ދާއިރާގެ މަޖްލިސް މެމްބަރު ހުސައިން ފިރުޝާންއާއި، މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަންއާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

މި ކޯޒްވީގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކޯޒްވޭގެ ދަށުން އޮއި ދެމޭނެހެން، އަދި ކޯޒްވޭ މަތިން، ހެވީ ވެހިކަލަށްވެސް، ދަތުރުކުރެވޭ ފެންވަރަށެވެ.

މި ކޯޒްވޭ މިހާރު ޕްލޭން ކުރެވިފައިވާ، މުއްދަތުގެ ތެރޭގައި ނިމި، ރައްޔިތުންނަށް ޚިދުމަތް ލިބެންފަށާއިރު، މިހާރު ތަޖުރިބާކުރާ، ރަށް ގިރުމުގެ މައްސަލައަށް ވެސް، ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ކޯޒްވޭއިން މިގުޅާލެވެނީ ޖުމްލަ 4 ރަށެވެ. އެއީ، ހޯޑެއްދުއާއި މަޑަވެއްޔާ ދޭތެރޭގައި އޮންނަ " ކަންނިގިލާ" އާއި، "ހާދޫ" ހިމެނޭހެންނެވެ.

މި ދެރަށަކީ، އިޤްތިޞާދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށް ވީތީ، މި ކޯޒްވޭ ވެގެންދާނީ، މަޑަވެއްޔަށް ވެސް އަދި ހޯޑެއްދޫއަށް ވެސް، ފައިދާ ވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޒަމާނީ ކޯޒްވޭއިން، މި ދެ ރަށް ގުޅާލުމުން، ފަތުރުވެރިކަމަށް ވެސް، އާ ދިރުމެއް ލިބި، އިޤްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް މި ދެ ރަށަށް ލިބިގެންދާނެ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި،4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި، 1,378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3,144 އަކަ މީޓަރުގެ ސަހަޙައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުން ހިމެނެއެވެ. އަދި ރެއިލިން އާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މިއީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.