ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރުތަކުގެ މައްޗަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ފޮތް ނެރެފި އެވެ.

އިލްމު އިންސްޓިޓިއުޝަންގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓަ ޖެެނެރަލް ހަސަން ޒިޔަތެވެ.

Ad
rt

ޑރ. ޝަހީމްގެ މި ފޮތުގައި، މުދަލު ޒަކާތުގެ ބެހެނިވެރިންނާ ގުޅޭ ގޮތުން ފިޤުހީ މަޝްހޫރު ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔުތަކާއި، ދިވެހި ރާއްޖޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި ޢަމަލު ކުރަމުން އައި ގޮތާއި، މުދަލު ޒަކާތް ބެހުމުގައި ރާއްޖޭގައި ޢަމަލުކުރަން ފެންނަ ގޮތާއި ޒަކާތުގެ ނިޒާމު ހަރުދަނާކުރާން އޭނާއަށް ފެންނަ ބައެއް ޚިޔާލުތަށް ވަނީ ހިމަނާފައެވެ. މީގެ އިތުރަށް ޒަކާތާ ބެހޭ ޤާނޫނެއްގެ ތަޞައްވުރެއް ވެސް ފޮތުގައި ހިމަނައިފައިވެއެވެ.

އަދި މި އެންމެހާ ހުށައެޅުންތަކަކީ ވެސް އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކެޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ބެހޭ އިސްލާމީ ދިރާސާތަކާއި ބައިނަލްއަޤުވާމީ މަހާސިންތާތަކުގެ ނިންމުންތަކުގެ އަލީގައި ހުށައަޅައިފައިވާ ހުށައެޅުންތަކެއް ކަމަަށް ޝަހީމް ވިދާޅުވިއެވެ.

"މި [ފޮތުގެ] ދިރާސާއަކީ އިސްލާމީ ފިގުގެ އަލީގައި މި ޒަމާނުގެ ހާޖަތަށް ބަލައިގެން ކުރެވިފައި އޮތް އިލްމީ މަސައްކަތެއް ހާއްސަކޮށް ރާއްޖޭގައި ޒަކާތުގެ ސިސްޓަމް ހަރުދަނާކުރުމާ ގުޅޭ ގޮތުން. މީގެ އިތުރުން ގާނޫނީ ތަސައްވުރެއްވެސް ހިމަނާފައިވާނެ. އަސްލު މިއީ އަޅުގަނޑު ޕީއެޗްޑީ ތީސީސްގައި ހިމެނޭ ކަންކަން ހިމަނާފައިވާނެ. ދެން އަދި މިހާރު އިތުރުކުރަން ޖެހޭ ކަންކަން އިތުރުކޮށް ވެސް ހިމަނާފައި ވާނެ. އެއީ ޒަކާތު ފަންޑު އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން"

ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ޒަކާތް ނިޒާމް ހަރުދަނާކޮށް ރާއްޖޭގައި ޒަކާތު "ހައުސް"އެއް އުފެއްދުމާ ގުޅޭ ގޮތުން ލިޔެފައިވާ މި ފޮތް 250ރ އަށް އިލްމު އިންސްޓިޓިއުޝަން އިން ލިބެން ހުންނާނެ އެވެ. އަދި މި ފޮތް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ ކީރިތި ގުރުއާނާއި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު މަތިވެރި ކުރުމަށް ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މި ފޮތުގެ ކަވަރު ހަދައިދިނީ ގްރެފިކް ޑިޒައިނަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ. ލޭއައުޓް ހަދައިދިނީ އަބްދުﷲ ހުމައިދެވެ. ފޮތް ޕަބްލިޝްގެ މަސައްކަތް ވިލަރެސް ކުރެއްވީ އިސްލާމިކް އޮގަަނައިޒޭޝަން ފޮ ކަލްޗާ އެންޑް ސިވިލައިޒޭޝަންގެ ނައިބު ރައީސް އަލީ އަހުސަން އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ ފޮތް ސްޕޮންސާ ކޮށްދީފަ އެވެ. އަދި ފޮތުގެ އިލްމީ މަސައްކަތަށް އައިއޯސީސީގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ރައީސް، ޝައިޚު މުހައްމަދު ލަތީފް ވަނީ ލަފާ ދެއްވައިފަ އެވެ.

ޝަހީމް ވަނީ މި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވައިފަ އެވެ.