ސްޕެނިޝް ލަލީގާގައި، ޗެމްޕިއަން ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ލީގުގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.
މިރޭ ރެއާލްގެ އަމިއްލަ ދަނޑުގައި މަޔޯކާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ރެއާލުން ނުކުމެފައި ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން އާންމުކޮށް ކުޅެމުން އަންނަ މުހިންމު ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން އަނިޔާގެ ސަބަބުން ކެޕްޓަން ކަރިމް ބެންޒެމާ ކުޅުމާއި ދުރުގައި ހުރިއިރު، މޮޑްރޮޗްގެ އިތުރުން ކަރަވަހާލް ވެސް މެޗު ފަށާފައި ވަނީ ބެންޗުންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ މަޔޯކާއިންނެވެ. މި ލަނޑު 35 ވަނަ މިނެޓުގައި ކަންގ-އިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މުރީޤީއެވެ. ނަމަވެސް ރެއާލުން ވަނީ ފުރަތަމަ ހާފުގެ ފަހު ވަގުތު ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އަމިއްލަ ހާފުގެ ތެރެއިން ހިފައިގެން ގޮސް މަޔޯކާގެ ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ވަލްވަޑޭއެވެ. މިއީ ވަލްވަޑޭ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލެކެވެ.
ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފުގައި ރެއާލުން ވަނީ ތަފާތު ދައްކާފައެވެ. މިގޮތުން އެ ޓީމުން 72 ވަނަ މިނެޓުގައި ލަނޑުޖަހައި ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ.
ރެއާލުގެ ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ކަރަވަހާލް ދިން ބޯޅައެއް ހިފައިގެން މަޔޯކާގެ އޭރިއާތެރެއިން ދެ ޑިފެންޑަރުންގައިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރިގޯއެވެ. މެޗުގެ ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ ރުޑިގާއެވެ.
މި ނަތީޖާއާއިއެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ރެއާލް ތާވަލުގެ އެއްވަނާގައި އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ބާސާއޮތީ ކުޅުނު 5 މެޗުން ލިބުނު 13 ޕޮއިންޓާއިއެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!