ދިވެހި ރައްޔިތުންނަށް ހަގީގީ ތަރައްގީގެ ފުރުސަތުތައް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ލިބިގެންދާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"ދެކުނު މަހާސިންތާ 2019" ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން ބެނުންވާ އެންމެ އަސާސީ ހިދުމަތްތައްކަމަށް ވާ ނަރުދަމާއާ ކަރަންޓާއި ސިއްހަތުގެ ހިދުމަތްތައް ވެސް ބައެއް ފަރާތްތަކަށް ނުލިބޭ ކަމަށާއި މި ހިދުމަތްތައް ލިބިގެން ދާނީ ކައުންސިލްތައް ބާރުވެރިކޮށްގެން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުތަކުން ވިޔަފާރި ކުރުމަކީ ބޮޑު ގޯހެއް ކަމަށާއި ހަމަ އެއާއެކު އަމިއްލައަށް ކައުންސިލްތަކުން ވިޔަފާރި ކުރުމަކީވެސް ރަނގަޅު ގޮތެއް ނޫން ކަމަށާއި ރަނގަޅު ގޮތަކީ ބީލަން އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީ ގުޅިފައި ވަނީ ރަށްރަށުގެ ތަރައްގީއާ ކަމަށްވާއިރު އެރަށަކަށް ހިދުމަތް ދިނުމުގެ އެންމެ މުހިއްމު މަސްއޫލިއްޔަތު އޮތީ އެރަށެއްގެ ކައުންސިލްގައި ކަމާއި އަދި ކައުންސިލްތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް އައު ގާނޫނީ އޮނިގަނޑުން ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު އަތޮޅު ކައުންސިލްތަކަށްވެސް ގިނަގުނަ ބާރުތަކެއް އައު ގާނޫނީ އޮނިގަނޑުން ލިބިގެންދާނެކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.އެގޮތުން އައު ގާނޫނީ އޮނިގަނޑާއި އެކު އަތޮޅުގައިވާ ރަށްތައް ބޭނުން ކުރުމުގެ ހުއްދަ ލިބިގެންދާނީ އެ ކައުންސިލްގެ ވެރިންގެ ހުއްދައާ އެކުގައި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މައި ސަރުކާރާއި އަތޮޅު ކައުންސިލަށް ވެސް ކަމެއް ކުރެވޭނީ ދެ ބައި އެއްބަސްވީމާކަމަށް ރައީސް ނަޝީގު ވަނީ ފާހަގަ ކުރައްވާފައެވެ.
"ހިދުމަތް ދިނުމަށް ބޭނުންވާ ގުދުރަތީ ވަސީލަތްތައް ވެސް އަދި މާލީ ތަނަވަސްކަން ވެސް އިދާރީ ހިންގުމުގެ މިނިވަންކަން ވެސް މި ގާނޫނު މި ފަހަރު ފޯރުކޮށްދޭނެ،"
ނަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!