މިވަގުތު ރާއްޖެއަށް އިގްތިސާދީ ކާރިސާއެއްގެ ނުރައްކަލެއް ނެތްކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން މިހެން ބުނެފައިވަނީ އެ އިދާރާއިން ނެރުނު ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓުގައެބެ. މިއީ ދައުލަތުން ކުރާ ޚަރަދުތަކުގެ މައްޗަށް ބިނާކޮށް ވޯލްޑް ބޭންކުން އާންމުކުރާ ރިޕޯޓެކެވެ.
ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތުގެ ސަބަބުން މިވަގުތު އިގްތިސާދީ ކާރިސާއެއްގެ ނުރައްކަލެއް ނެތްކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވީނަމަވެސް އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ވަނީ ލަފާދީފައިވެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރެއިން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ނަމަވެސް މި މަސައްކަތް ކުރިއަށްގެންދަން ޖެހޭނީ ދެ ފުށް ފެންނަގޮތަށް ރައްޔިތުންނަށް ސާފުވާނެހެން ކަމަށް އެ އިދާރާގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ކޯވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ޖީޑީޕީ 34 އިންސައްތަ ދަށްވިނަމަވެސް މިހާރު އަންނަނީ ހާލަތު ރަނގަޅުވަމުންނެވެ. އެގޮތުން، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ރަނގަޅުވަމުން އަންނަ ކަން ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ ދަރަނި އިތުރުނުކުރުމަށާއި ހަރަދުތައް މެނޭޖްކުރުމުގެ އިތުރުން މިހާރަށްވުރެ އާމްދަނީ އިތުރުކުރަން މަސައްކަތްކުރުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ. އެގޮތުން އިންކަމް ޓެކްސްގެ ރޭޓު ދަށްކޮށް، މަޑުމަޑުން ޖީއެސްޓީއާއި ޓީޖީއެސްޓީ މަތިކޮށްގެން މިކަން ހާސިލުވެދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ސިއްހީ ދާއިރާއަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރާ ހަރަދުތަކަށާއި، ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްދިނުމުގައި ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!