އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި, އެއްވެސް ޖަލު އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ޤައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ޤައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑުކަމެއްކަމަށެވެ. އަދި އެމަސައްކަތް ކުރަން ތިއްބެވި އޮފިސަރުންނަކީ ވަރަށް ކެތްތެރި ޤާބިލް އިހުލާސްތެރި ބައެއްކަމަށެވެ.

އެބޭފުޅުން ކޮށްދެއްވަނީ ވަރަށްބޮޑު ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ, މިނިސްޓަރު ވަނީ އޮފިސަރުން އިތުރަށް ކެތްތެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

" ތި ޔަބޭފުޅުން މިހާރަށްވުރެވެސް ބޮޑަށް ކެތްތެރިވެވަޑައިގަންނަވާށޭ. މިހާރަށްވުރެ ބޮޑަށް ހިތްތިރިކުރާށޭ. އޯގާވެރިކަމާއި ރަހުމު އިސްކުރާށޭ. ޤައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެކަމެއް ނޫން. އެއީ ކިތަންމެ ބޮޑު ކުށެއްކޮށްފައިވާ ޤައިދީއެއް ނަމަވެސް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށެވެ. އަދި އެއްވެސް އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ޤައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށެވެ. ގައިދީންނާމެދު މުއާމަލާތްކުރަންވާނީ އޯގާވެރިކަމާއި ރަހުމާއެކުކަން ތަކުރާރުކޮށް މިނިސްޓަރު ވަނީ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމް ރިފޯމްކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ވައުދެއްކަމަށެވެ. އަދި އެވައުދު ފުރިހަމަކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެދިޔަ 50 އަހަރު އެއް ސަރުކާރަކަށް ނުކުރެވޭ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކަކީ ޤައިދީންނަށް އަނިޔާކުރުމާއި, ނިކަމެތި ގޮތްތަކާއި ކުރިމަތިލާން ޖެހިފައި އޮތްތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ވަނީ އެކަން މާޒީގެ ސަފްހާތަކުގެ ތެރެއަށް ދޫކޮށްލާފައިކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކުގައި ޤައިދީއަކަށް ޤަސްތުގައި އެނގިހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެކަމަށާއި, އެކަން ހުރިހާ އޮފިސަރުންނަށް އެނގޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.