ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް އަމާޒުކޮށްގެން ހާއްސަ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތައްޔާރުވެފައިވާ މި މުބާރާތަކީ ޓުރައިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެން ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަދު ރަސްމީކޮށް އިފުތިތާހުކުރި "މޯލްޑިވްސް 50 ބެސްޓް ސައިޓްސް" ވެބްސައިޓާއެކު، ފޮޓޯ މުބާރާތުގައި ރަޖިސްޓަރީ ވުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގެ ދުވަސްވީ ޑައިވަރު ހުސައިން ރަޝީދު (ސެންޑި) އެވެ.
މި މުބާރާތަށް ރާއްޖޭގެ 50 ޑައިވް ސައިޓެއް ހޮވާފައިވާއިރު އެތަންތަނުގެ މައުލޫމާތު ވެބްސައިޓުގައި ވަނީ ހިމަނާފައެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކު ވެސް މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 7:30 އިން ހަވީރު 5:30 އާ ދެމެދު ކަނޑައަޅާފައިވާ 50 ޑައިވްސައިޓުގެ ފޮޓޯ ނަގަން ޖެހެ އެވެ. އެ ފޮޓޯ ހުށަހެޅޭނީ އެ ދުވަހުގެ ހެނދުނު 8:30 އާއި ދަންވަރު 12އާ ދެމެދު އެވެ.
މުބާރާތުގައި ބައިވެރިވެވޭނީ 10 ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ. ނަމަވެސް، ދިވެހިންނަށް އެ މުބާރާތުގައި ހިލޭ ބައިވެރިވެވޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި މުބާރާތަކީ ހަމައެކަަނި މިި އަހަރު ބާއްވާ މުބާރާތެއް ނޫނެވެ. ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ވެސް މުބާރާތް ބާއްވާއިރު، މުބާރާތުގެ މަގްސަދަކީ އެ ޑައިވް ސަރަހައްދުތަކުގެ ސިއްހަތު ދެނެގަތުން ކަމަށް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!