އިމްލާޤަކީ އާއިލާއެއް ބިނާކުރުމަށް މަސައްކަތް ކުރަމުން ދިޔަ، ޒުވާނެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނެކޭ އެއްގޮތަށް ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށް، މާ ބޮޑު ހާސްކަމެއް ނެތި އުޅެމުން ދިޔަ ޒުވާނެކެވެ. ފުލުހުންގެ އިދާރާގެ ޒިންމާދާގު މަގާމެއްގައި މަސައްކަތް ކުރައްވަމުން ދިޔަ ފުލުސް އޮފިސަރެއްވެސް މެއެވެ.
ސާދާ ދިރިއުޅުމެއްގައި ދުވަސްތައް ގުނަމުން ދަނިކޮށް އިމްލާޤުގެ މުޅި ހަޔާތް ބަދަލުކޮށްލީ އޭނާގެ ދެފައި ދުޅަވެ ނިޝާންތަކެއް ފެންނަން ފެށުމާއެކު ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓުތަކުން ކިޑްނީގެ ބައްޔެއްކަމަށްވާ އޭޖީއައި ނެފްރޮޕަތީ ހުރިކަން ދެނެގަނެވުނު ހިސާބުންނެވެ.
އެކަން އެނގުނީ ބަލީގެ ނީޝާންތައް ފެނުމާއި ގުޅިގެން ރާއްޖެއިން ޑޮކަޓަރަށް ދެއްކުމަށް ގިނަ މަސައްކަތެއްކޮށް، ކާމިޔާބު ނުވުމުން ސްރީލަންކާއަށް ގޮސް ޑޮކަޓަރަށް ދައްކާ ހެދި ޓެސްޓުތަކެއްގެ ނަތީޖާއާއި ހަމައިންނެވެ. އޭރު އިމްލާޤުގެ އެއް ކިޑްނީ ފެއިލްވެ، އަނެއް ކިޑްނީގެ ހިނގުން ވަނީ ފަންސާސް އިއްސައްތައަށް ދަށްވެފައެވެ.
"އޭޖީއައި ނެފްރޮޕަތީ" އަކީ ކިޑްނީ ފެއިލްކޮށްލާ ބައްޔެކެވެ. ބޭހާއެކުވެސް އެ ބަލިން މުޅިން ފަސޭހަވަނީ ބަލި ޖެހޭ މީހުންގެ ތެރެއިން ކޮންމެ 100 އަކުން އެންމެ މީހެކެވެ.
އެކަން އެނގިހުރެ އުންމީދު ކަނޑައިނުލައި އިމްލާޤު ގެންދިޔައީ ގަވައިދުން ބޭސް ބޭނުންކުރަމުންނެވެ. އޭނާގެ އަޒުމަކަށްވީ ބައްޔާއެކު ދިރިއުޅެން ދަސްކުރުމެވެ. ބަލި އެނދުގައި އޮވެ، ބަލި ބޮޑުވުމަށް ފުރުސަތު ނުދީ، ހިތްވަރާއެކު ކުރިއަށް ދިއުމެވެ.
އެހެން ނަމަވެސް އޭނާގެ ބަލި ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އިމްލާޤު ވަނީ އެކި ފަހަރުމަތިން ރާއްޖެއާއި ރާއްޖެއިން ބޭރުން މި ބައްޔަށް ފަރުވާ ހޯދާފައެވެ.
އެހެން ނަމަވެސް، އޭނާ ތަހަންމަލު ކުރަން ޖެހިފައިވާ ބައްޔަކީ ހަމައެކަނި ބޭހަށް ގުޑާ ބައްޔެއްކަމަށް ނުވުމުން، ބޭހުގެ ޑޯޒޭޖު މަތިކޮށް ދަށްކޮށް ހަދަން ޖެހެއެވެ. އެއާއެކު ގިނަ ސައިޑް އިފެކްޓުތަކާއި އުނދަގޫތައް އޭނާ ދިޔައީ ތަހަންމަލް ކުރަމުންނެވެ.
ބޭސް ބޭނުންކުރުމާއި ގުޅިގެން، މީހާ ދުޅަވެ، ހޮޑު ލެވި، ކާހިތް ނުވުމާއި، ކުޑަ އެތިކޮޅެއް ކައިލިޔަސް ފުރޭ ގޮތް ވުން ފަދަ އުނދަގޫތައް އޭނާއަށް ކުރިމަތިވަމުންދިޔައެވެ.
މި ހުރިހާކަމެއް އިމްލާޤު ތަހަންމަލް ކުރަމުން ދިޔައީ ރާއްޖޭގެ އަމިއްލަ ކޮލެޖަކުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދިޔަ ދުވަސްވަރުގައެވެ. އުނދަގޫތަކާއެކު ވެސް އޭނާ ދިޔައީ ކިޔަވަމުން، އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. ބޭނުމަކަށްވީ ބައްޔާއި ދުރަށް ސިކުނޑި ގެންދިއުމެވެ.
އެއާއެކުވެސް އޭނާގެ ބަލިހާލަތު ގޯސްވެ، ހަމައެކަނި ބޭހުން ހިފަހައްޓާ ނުލެވޭ ހާލަތަށް ބަލި ބޮޑުވިއެވެ. އެންމެ ފުރަތަމަ ފަހަރަށް ޑައިލިސިސް ހެދުމަށް ޑޮކްޓަރު އެންގީވެސް އޭނާ އާއިލާގެ މީހެއްގެ އެހީތެރިއެއްގެ ގޮތުގައި ރާއްޖެއިން ބޭރުގައި ހުއްޓައެވެ. އެ ހިސާބުން ކޮންމެވެސް ވަރަށް މާޔޫސްކަމުގެ އިހުސާސް ކުރެވުނުކަމަށް އިމްލާޤު ކިޔައިދިނެއެވެ.
ކިޑްނީ ބައްޔެއް ހުރުމަކީ މުޖުތަމައު އެމީހަކާއި ދޭތެރޭ ދެކޭގޮތް ވަރަށް ގިނަ ފަހަރަށް ބަދަލުވާ ކަމެކެވެ. އެ ބަލީގައި އުޅޭ މީހުންގެ ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތަކާއި އެކު، އެމީހުންނަކީ ބަލި މީހެއް ކަމުގެ ޓެގު އަޅުވާ އެކަހެރި ކުރެވޭ ފަހަރުވެސް އާދައެވެ.
އެއާއި ޚިލާފަށް އިމްލާޤުގެ ނަސީބު ވަރަށް ރަނގަޅެވެ. އޭނާ ދިރިއުޅުމުން މާޔޫސްވި ދަނޑިވަޅުގައި އަތުގައި ހިފައިގެން ކުރިއަށް ދިއުމަށް އޭނާގެ އާއިލާ އޮތީ ތައްޔާރަށެވެ. މައިންބަފއިންނާއި އަންހެނުންގެ ފަރާތުން އޭނާއަށް ލޯތްބާއި އަޅައިލުން ލިބެމުން ދިޔައެވެ. އޭނާ ނިސްބަތްވާ ފުލުހުންގެ ޚިދުމަތުންވެސް އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. ކިޔަވަމުން ދިޔަ ކޮލެޖުންވެސް ކުރިއަށް ދިއުމަށް ހިތްވަރު ދެމުންދިޔައެވެ.
އެއާއެކުވެސް އޭނާގެ އެންމެ ބޮޑު ހިތްވަރަކަށްވީ އޭނާގެ ބޮޑު ބޭބެއެވެ. އެއީ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުން ދިޔަ މީހެކެވެ. ކޮންމެ ދުވަހަކު ބޭބެ އެ ބައްޔާއި ހަނގުރާމަ ކުރުމުން ދާތަން އެންމެ ކައިރިން ފެންނަ އެކަކީ އިމްލާޤެވެ.
ކެންސަރުފަދަ ނުރައްކާތެރި ބައްޔަކާއި ބޭބެ ހަނގުރާމަ ކުރަމުންދާއިރު، އޭނާއަށް ކުރެމަތިވެފައިވާ ހާލަތަކީ އިމްތިހާނެއްކަމަށް ދެކިގެން، އެ އިމްތިހާނުން ފާސްވުމަށް ހިތްވަރާއެކު މަސައްކަތްކުރުމުގެ އަޒުމު ވަރުގަދަވެގެން ދިޔަކަމަށް އޭނާ ކިޔައިދިނެވެ.
ކިޑްނީ ބައްޔަށް ފަރުވާކުރުމަށް ރާއްޖޭގައި ބޮޑު ގޮންޖެހުންތަކެއް އެބަހުއްޓެވެ. ރާއްޖޭގައި އެ ބައްޔަށް ޚާއްސަ ޑޮކްޓަރުން މަދުވުމާއި، ޑޮކްޓަރުގެ އެޕޮއިންޓުމަންޓެއް ހޯދުމަށް ގިނ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ އެ ބައްޔަށް ފަރުވާކުރަމުންދާ އިމްލާޤުފަދަ އެތައް ބަޔަކަށް އޮތް ބޮޑު ތަކުލީފެކެވެ.
ޑައިލިސިސް ހެދުމުން، އަންނަ ސައިޑް އިފެކްޓުތަކަށް އެކަށީގެންވާ ފަރުވާއެއް ލިބެން ނެތުމަކީވެސް ބޮޑު ގޮންޖެހުމެކެވެ.
އަނެއްކޮޅުން ކިޑްނީ ބައްޔަށް ފަރުވާކުރުމަކީ ގިނަ ޚަރަދުތަކެއް ހިނގާކަމެކެވެ. ދާއިމީ ހައްލެއް ލިބެން އޮތީ ކިޑްނީ ޓާރާންސްޕްލާންޓު ކުރެވިގެންނެވެ. އެއީ ކުޑަ ޚަރަދެއް ނޫނެވެ. އޮޕަރޭޝަން ކުރުމާއި، ޑޯނަރެއް ހޯދުމަށްވެސް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހެއެވެ.
މިވެސް ކިޔާލާ:
ރާއްޖެތެރޭ މީހުންނަށް ފުރައްސާރަ ކުރުމުން ސަލީމު ހުނުފެނަށް!
ވިލިގިލި ބަގީ ހިދުމަތް: ބިން ދޫކުރީ ޓިކެޓިން ބޫތުތަކެއް އަޅަން، ހުރީ ގެސްޓު ހައުސްއެއް!
މޭޑޭ މުޒާހަރާ ގުޅިގެން ގޮޅިއަށްލުމުން ކެތްނުކުރެވިގެން އިމްރާން ރުއި: އިބްރާހީމް ރަޝީދު
އިމްލާޤު ކިޔައިދިން ގޮތުގައި އެ ބައްޔަށް އޭނާ ފަރުވާކުރަމުން ދަނީ އަމިއްލަ ޖީބުން ޚަރަދުކޮށްގެންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެލްފެއަރގެ އެހީތެރިކަމާއި، ދީލަތި ފަރާތްތަކުން ދޭ އެހީތެރިކަމާއެކުގައެވެ. ބައްޔަށް ދާއިމީ ހައްލެއް ލިބެން އޮތީ ކިޑްނީ ޓްރާންސްޕްލާންޓު ހަދައިގެންކަމަށް ވާތީ، ޑޯނަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އޭނާ ކިޔައިދިނެއެވެ.
މިހާރު އޭނާ އިންތިޒާރުކުރަމުން ދަނީ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށް ޑޯނަރެއް ލިބޭނެ ދުވަހަކަށެވެ. އަދި މާތްރަސްކަލާނގެ ތަނަވަސް ރަހުމަތާއެކު ޓްރާންސްޕްލާންޓު ކުރެވި އޭނާ ދިރިއުޅެމުން ދިޔަ ސާދާ ދިރިއުޅުމަށް އެނބުރި ރުޖޫއަވެވޭނެ ދުވަހަކަށެވެ.
ކިޑްނީ ބައްޔާއި އޭނާ ކުރަމުންދާ ހަނގުރާމައިގައި، އޭނާއަށް އެހީތެރިކަން ފޯރުކޯށްދިން ހުރިހައި ފަރާތްތަކަށްވެސް އިމްލާޤު ހެޔޮ ހިތުން ޝުކުރުއަދާކުރެއެވެ. މިހައި ހިސާބަށް ކުރިމަތިވި ހުރހައި ގޮންޖެހުންތަކެއް އޭނާ ކަނޑައްތުކޮށްފައިވަނީ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމާއެކުގައެވެ.
ބައްޔަށް ދާއިމީ ފަރުވާއެއް ލިބެންދެން، އެފަދައިން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިމްލާޤުގެ އެންމެ ބޮޑު އެދުމެވެ. އަދި ބާކީކޮށްނުލައި، އޭނާ ފަދައިން ކިޑްނީ ބައްޔަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށް ހިތްވްރުދީ ބައިވެރިކުރުމަށް އިމްލާޤު ވަނީ ނަސޭހަތްތެރިވެފައެވެ.
އިމްލާޤަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ފުޅުވާ ފަރާތްތަކުން
އިބްރާހިމް އިމްލާޤް 9792005 ފޯން އަދި އައިމިނަތު ޝިރުޙާނާ 9692005 އަށް ގުޅުއްވުމަށް
7770000061789 ޑޮލަރ އެކައުންޓް
7770000068928 ރުފިޔާ އެކައުންޓް
Ibrahim Imlaq
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!