މިނިސްޓްރީ އޮފް އެންވާރަމަންޓް ކްލައިމެޓް ޗޭންންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހަށް ހުޅުމާލެ މަގުމަތިން ހަމަލާ ދިން މީހާ ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ހުޅުމާލެ މަގުމަތީގައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަގޮތުގައި އެމީހާ އަކީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ހުކުރު ނަމާދު ވަގުތު ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި ހުތުބާ ދޭން މަސައްކަތްކުރި މީހާއެވެ. އެ މައްސަލާގައި ވެސް އޭނާ ހައްޔަރުކުރިއެވެ. އެކަމަކު ފަހުން އޭނާ ދޫކޮށްލީއެވެ.
ވީޑިއޯއިން ފެންނަގޮތުގައި އެމީހާ އައީ ސައިކަލަކުންނެވެ. އައިސް އަލީ ސޯލިހު ކުރިމަތީ މަޑުކުރުމަށް ފަހު ކޮނޑުގައި އަޅުވާފައި އޮތް ދަބަހުން ކަޓަރެއް ނަގައި ހަމަލާދިނެވެ. އޭނާ ހަމަލާ އަމާޒުކުރިތަން ފެންނަނީ އަލީ ގެ ކަރާ ދިމާއަށެވެ. އޭރު އަލީ ގެންދިޔައީ ހުއްޓުވަން މަސައްކަތްކުރަމުންނެވެ. އަދި ފަހުން ސައިކަލުން ފުންމާލުމަށް ފަހު ދުށްވައިގަތް މަންޒަރު ފެނެއެވެ.
އޭގެ ފަހުން އެމީހާ އެ ސަރަހައްދުގައި އެއްވެސް ތިބި މީހުންނަށް ވެސް ބިރު ދައްކައި "ކެރެންޏާ އަންނާށޭ" ބުނެ ހަޅޭއްލަވާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އޭނާ ހަޅޭއްލަވަމުން ދެއްކީ އިސްލާމް ދީނުގެ ތާރީހާއި ގުޅުން ހުރި ބައެއް ވާހަކަތަކެވެ. އެގޮތުން ބަދުރު ހަނގުރާމައިގެ ވާހަކައާއި ގިޔާމަތުގެ ވާހަކަވެސް އޭނާ ދެއްކިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!