ލަގްޒަރީ ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ސޮނެވާ ކުންފުނިން ކްރިޕްޓޯ ކަރަންސީ ގަބޫލުރަން ފަށައިފިއެވެ.
ފަތުރުވެރިކަމާ ގުޅުންހުރި ނޫހެއް ކަމަށްވާ ބިޒްނަސް ޓްރެވެލާ އިން ބުނި ގޮތުގައި ސޮނެވާއިން ގަބޫލުކުރަން ފެށީ ކްރިޕްޓޯގެ ތެރޭގައި ހިމެނޭ ބިޓް ކޮއިން އާއި އެތީރިއަމްއެެވެ. ތައިލެންޑާއި ރާއްޖޭގައި ހުންނަ އެ ކުންފުނީގެ ޕްރޮޕަޓީތަކުގައިވެސް މި ފައިސާ ބޭނުން ކުރެވޭނެ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
ސޮނެވާގެ ދަށުން ރާއްޖޭގައި ހިންގާ ސޮނެވާ ފުށި، ސޮނެވާ ޖާނީ، ސޮނެވާ އިން އަކުއާ އަދި ތައިލެންޑުގައި ހުންނަ ސޮނެވާ ކިރިއަށް ދާ ފަތުރުވެރިންނަށް ޑިޖިޓަލް ފައިސާއިން ޕޭމަންޓް ދެއްކުމަށް ޕޭމަންޓް ޗެނަލެއްވެސް ވަނީ ހަދައިފައެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ސޮނެވާއަކީ އެ ކުންފުނީގެ ރިސޯޓުތަކުގެ ވިލާތައް ވިއްކާ ހަމައެކަނި ކުންފުންޏެވެ. މި ޕޭމަންޓުތަކުގައި ވެސް ޑިޖިޓަލް ފައިސާ ބޭނުން ކުރެވޭ ގޮތް ހެދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.
ސޮނެވާއިން ރާއްޖޭގައި ޑިޖިޓަލް ފައިސާ ބޭނުންކުރަން ފެށި ނަމަވެސް ރާއްޖޭގައި މިފަދަ ޕޭމަންޓް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މީގެ ކުރިން އެމްއެމްއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން އެ ކުންފުނިން އެކަން ކުރަނީ ހުއްދަ ލިބިގެން ކަމެއް އަދި އެނގިފައެއްނުވެއެވެ.
ބިޓް ކޮއިން އާއި އިތީރިއަމް ފަދަ ޑިޖިޓަލް ފައިސާ ޕޭމަންޓްތަކުގައި ބޭނުންނުކުރުމަށް އެންގީ އޭގެ އަގަކީ އަވަސް އަވަހަށް ތަފާތުވާ އެއްޗަކަށްވާތީއެވެ. އަދި އެއީ ޑިޖިޓަލް އެއްޗަކަށްވުމުން މެނޭޖްކުރަން ދަތިވާނެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ޑިޖިޓަލް ފައިސާ ގަބޫލުކުރަން ވަނީ ފަށައިފައެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ވަނީ މި ބަދަލު ގެންނަން ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!