މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ.
މުޅި މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް ވަނީ ކަރަންޓް ކެނޑިފައެވެ. ކަރަންޓް ކެނޑުނީ މިއަދު 12:00 ޖެހިއިރުއެވެ.
ސްޓެލްކޯއިން ބުނީ މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތުގެ ދަށުން މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން 3 ފީޑަރެއް މިހާރު ވަނީ އެނަރޖައިޒް ކޮށްފައި ކަމަށާއި ބާކީ ހުރި ފީޑަރުތައް އެނަރޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓް ކެނޑުމުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން މައާފަށް އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!