ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ތާއީދު ކުރައްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި އޮތުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޓަވާފައެވެ. އަންނަ ހުކުރު ދުވަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްއަށް މިކަމާބެހޭ ގަރާރެއް ހުށަހަޅުއްވައި، އެމްޑީޕީގެ ހަރުގޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ ކެމްޕޭނެއް ވެސް އެމަނިކުފާނު މިހާރު ވަނީ ފައްޓަވާފައެވެ.
މި ބަދަލުގެންނަން ތާއީދު ނުކުރަށްވާކަން ރައީސުލްޖުމްހޫރިއްޔާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންނާއި އަދި ބައެއް ސިޔާސީ ލީޑަރުން ވަނީ ހާމަކުރަށްވާފައެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ތާއީދު ނުކުރަށްވާކަން ހާމަކުރައްވަމުން ޤާސިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެންކަމަށެވެ.
''ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެވެ. ބަރުލަމާނީގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫނެވެ.'' ޤާސިމް ވިދާޅުވެފަ ވެއެވެ.
2008 ވަނަ އަހަރު ވުޖޫދުވި ފެހި ޤާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް ލިޔުނުއިރު ރައްޔިތުންގެ ޚާއްސަ މަޖިސްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ޤާސިމްގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވިއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ތާއީދު ނުކުރަށްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ އިސް ލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަށްވާކަން ހާމަކުރަށްވައި، އަދި އެމަގަށް މަގުކޮށުމަށް އެމްޑީޕީ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ކޮންގްރެސްއިން އެ ގަރާރު ފާސްވާނެކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރަށްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ނިޒާމު ބަދަލުކުރުމާގުޅޭގޮތުން ވިސްނުންފުޅު ހާމަކުރަށްވަމުން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ބަރުލަމާނީ ނިޒާމެއް ގެންނަވަރަށްވުރެ ރާއްޖެ އޮތީ އަދި އޮތީ ޅަފަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!