ރާއްޖެއިން، މަންކީޕޮލިސް (މަކުނު ވިދުރި) އަށް ޓެސްޓު ކުރެވޭނެގޮތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޖްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގައި މިބަލި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ދަނީ ދުނިޔޭގައި މި ބަލި ފެތުރެމުންދާ ގޮތް މޮނިޓަރކޮށް މިބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތަކާ ދޭންޖެހޭ އިޖާބަ ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށެވެ.
އެގޮތުން މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައިވެއެވެ.
ދުނިޔޭގައި މިބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށްވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެ އެވެ.
ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އައުޓްބްރޭކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ މިންވަރަށް ފެތުރެމުންދާ އާންމު ސިއްހތަށް އޮތް ނުރައްކަލެއް ކަމުގައި ނުވަތަ ޕަބްލިކް ހެލްތު އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން (ޕީއެޗްއީއައިސީ) އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އަދި މި ބަލީގެ ހާލަތު މިވަގުތު އޮތްގޮތަށް ރިއާޔަތްކުރެއްވުމަށްފަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ދުނިޔޭގެ ނިސްބަތުން ބަލީގެ ނުރައްކާތެރިކަން މިވަގުތު އޮތީ މެދުމިނުގެ ރިސްކްގައި ކަމަށާއި، ބަލީގެ ނުރައްކާތެރިކަން ބޮޑަށް އޮތީ ޔޫރަޕްގެ ގައުމުތަކުގައިކަން ހާމަ ކުރައްވާފައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ބަލި އާންމުކޮށް ފެތުރިފައިވަނީ ހާއްސަކޮށް އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ނަމަވެސް އަންހެނުންނާއި ކުޑަކުދިންގެ މެދުގައިވެސް މި ބަލި މަދު މިންވަރަކަށް ފެންނަމުންދާ ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ދުނިޔޭގައި މިބަލި ފެތުރެމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށްވެސް މި ބަލި އައުމުގެ ފުރުސަތު އޮތް ނަމަވެސް ކޮވިޑް-19 ފަދަ ބައްޔަކާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މިބަލި ފެތުރޭ މިންވަރު ތަފާތުވާނެ ކަމަށެވެ.
އަދި މުޖުތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެންވެސް އަޅައިގެން އުޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މީހުންގެ ތެރޭގައި އުޅޭއިރު، ވަކިން ޚާއްސަކޮށް ބަންދުތަންތަނުގައި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާތަންތަނަށް ނުދިއުން ފަދަ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!