ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ވައިގެމަގުން ގައުމު ދޫކޮށް ވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން އެއާޕޯޓުން ހުއްޓުވާފައިވާ ކަމަށާއި، އަދި ގޮޓާބަޔާ އަށް ވިސާ ދޭން އެމެރިކާ އިން ދެކޮޅު ހަދާފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާއިން ބުނެފިއެވެ.

ލަންކާގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން މިއަދު ބުނީ ގޮޓާބަޔަ ވައިގެމަގުން ގައުމު ދޫކޮށް ވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން އެއާޕޯޓްގެ އިމިގްރޭޝަން މުވައްޒަފުން އެކަމަށް ހުރަސްއަޅައި ހުއްޓުވާފައިވާ ކަމަށެވެ.

Ad
rt

ގޮޓާބަޔައަށް އެއާޕޯޓުން ފުރާވަޑައިގެންނެވޭ ގޮތް ނުވުމުން މިހާރު މަސައްކަތްކުރައްވަނީ ކަނޑުގެ ސިފައިން ޕެޓްރޯލް އުޅަނދެއްގައި ކަނޑުމަގުން ފިއްލަވަން ކަމަށް ވެސް އޭއެފްޕީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގޮޓާބަޔަ އަށް ވިސާދޭން އެމެރިކާއިން ދެކޮޅު ހަދާފައިވާ ކަމަށް ލަންކާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ "ދަ ހިންދޫ" ނޫހުން މިއަދު ވަނީ ބުނެފައެވެ. އެ އޮފިޝަލް ބުނެފައިވާ ގޮތުގައި ލަންކާގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން އެމެރިކާ އަށް ވަޑައިގަންނަވަން ގޮޓާބަޔާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ގޮޓާބަޔާ އަށް ވިސާ ދޭން އެގައުމުން ދެކޮޅު ހަދާފައިވާ ކަމަށް އެ އޮފިޝަލް ވަނީ ބުނެފައެވެ. ނަމަވެސް ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އަދި މިކަން ކަށަވަރުކޮށެއް ނުދެއެވެ.

ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ވައިގެމަގުން ގައުމު ދޫކޮށް ވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން އެއާޕޯޓުން ހުއްޓުވާފައިވާއިރު އެމަނިކުފާނުގެ ކޮއްކޯފުޅު ބަސިލް ރާޖަޕަކްސަ ވެސް މިއަދު ފުރަން އުޅުމުން އެކަމަށް އެއާޕޯޓުން ވަނީ ހުރަސްއަޅައި އޭނާ ހުއްޓުވާފައެވެ.

ލަންކާގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އެހެން ގޮތެއް ނެތިގެން އެ ޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އޭނާ އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ މާދަމާއެވެ.