ދިވެހި މަސައްކަތްތެރިންނަށް ދޭ ޕެންޝަނާއި އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ 2 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސްއެވެ.

Ad
rt

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތަ އާއި ތައުލީމާއި މާލީ ނިޒާމު މެނޭޖުކުރުން ފަދަ ގިނަ ދާއިރާތަކަކުން ރާއްޖެ އާއި ވޯލްޑް ބޭންކާ ދެމެދު ވަނީ ވަރަށް ވަރުގަދަ ޕާޓްނަޝިޕެއް 40 އަހަރަށް ވުރެ ގިނަ ދުވަހު ގާއިމްކޮށްފައި ކަމަށެވެ. އަދި ގައުމާއި ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލަކަށް ބަލާލާއިރު، ހިލޭ އެހީގެ މި ދެ އެއްބަސްވުމުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް މާލީ ގޮތުން ޖާގަ ލިބި، ކުރިއެރުމާއި ތަރައްގީ ހަލުވިކުރުމަށް އާ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

'ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް)' މަޝްރޫއަށް ދޭ 24 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޒަރީއާ އިން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް ފަންޑެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް'އަށް ދޭ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކޮށް، އޮންލައިންކޮށް ދެވޭ ހިދުމަތްތަކާއި މުޢާމަލާތްތައް ފަސޭހަކުރުމަށްޓަކާ ގައުމީ އައިޑެންޓިފިކޭޝަން ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

މީގެ އިތުރުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ޑޭޓާ އަލުން ބޭނުންކޮށްގެން، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމާއި މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދެވޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

'ސެއިލްސް' މަޝްރޫއު ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ. 'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް' ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންނެވެ.