އަހަރެންގެ އުމުރުން 23 އަހަރުގައި، ބޭރު ޤައުމުތަކަށް ކުޑަކުދިންގެ ފޮތްތައް ވިއްކުމަށްޓަކައި އިމްޕޯޓް/އެކްސްޕޯޓް ކުންފުންޏެއް ހަދައި ވިޔަފާރީގެ ދާއިރާއަށް ޢަމަލީގޮތުން ނުކުންނަން ނިންމީމެވެ.
އެއާއެކު އެހެން ހުރިހާ ޤައުމެއްގެ ތެރެއިންވެސް އަހަރެންގެ ޝައުޤުވެރިކަން ފުރަތަމަވެސް ހުއްޓުނީ ސަޢޫދީ ޢަރަބިއްޔާއަށެވެ. އެހެންކަމުން ވޮޝިންޓަނުގައި ހުންނަ ސައުދީގެ ކޮމަރިކަލް އޮފީހަށް އަހަރެން ދިޔައީމެވެ. އެތަނުން އަހަންނަށް އެނގިގެންދިޔައީ މުޢާމަލާތުގެ ހުރިހާ ލިޔެކިޔުމެއް ކުރަން ޖެހެނީ ޢަރަބި ބަހުން ކަމެވެ. އެހެންކަމުން، އަރަބި ބަސް ދަސްކުރުމަށް އަހަރެން ބޭނުންވާން ފެށިއެވެ. ލިޔެކިޔުންތަކުގައި ސޮއިކުރާއިރު، އޭގައިވާ އެއްޗެއް އަހަންނަށް ރަނގަޅަށް އިނގޭނީވެސް އޭރުންތައެވެ.
އަރަބި ބަސް ކިޔަވައިދޭ މަދަރުސާ އަކަށް އަހަރެން ވަދެ، އަންހެން މުދައްރިސެއް ކަމަށްވާ ސައުދު ކައިރިން އަހަރެން ޢަރަބިބަސް ކިޔަވަން ފެށީމެވެ. އޭނާއަކީ އަހަންނާ ބައްދަލުވި އެންމެ ހިތްހެޔޮ އަދި ދީންވެރި މީހުންގެ ތެރެއިން މީހެކެވެ. ކިޔެވުމުގައި އަހަރެން ބެނުންކުރި ހުރިހާ ފޮތަކާއި، އޯޑިއޯ ކްލިޕްތަކާ، ވީޑިއޯ އާއެއްޗިހި ބިނާވެފައިވަނީ އިސްލާމް ދީނުގެ މަޢުލޫމާތު ލިބޭނޭހެންނެވެ. އެހެންކަމުން، ނޭނގި ނަމަވެސް އަހަންނަށް ދިޔައީ އިސްލާމްދީނާ ބެހޭ ބައިވަރު މަޢުލޫމާތު ލިބެމުންނެވެ. އަހަރެން ބޮޑުވެފައި ވަނީ ދީނީ ތަޢުލީމު ލިބުމަކާ ނުލައެވެ. އާދައިގެ ބައެއް ކަންކަން އެނގުނު ނަމަވެސް އަހަރެން ދުވަހަކުވެސް ފައްޅިއަކަސް ނުދަމެވެ.
ކޮންމެއަކަސް މިދުވަސްވަރު ވީ އަހަރެންގެ ޙަޔާތަށް އައި ވަރަށް އުނދަގޫ ދުވަސްވަރަކަށެވެ. އަހަރެން ދިރިއުޅެމުން އައީ އެމެރިކާގެ އެންމެ އިރުމަތީގައެވެ. އަދި އަހަރެންގެ ޢާއިލާ ވީ އެމެރިކާގެ އެންމެ ހުޅަނގު ގައެވެ. އަހަންނަށް ލިބިފައިވާ ރަޙުމަތްތެރިންނަކީ އެކީގައި އުޅެލަން އެންމެ މިސާލީ ރަޙުމަތްތެރިންނެކޭ ނުބުނެވޭނެއެވެ. އަދި އަހަރެންގެ މާލީ ޙާލަތު އެހާ ރަނގަޅެއް ނޫނެވެ.
ކޮންމެ ދުވަހެއްމެ އަހަރެން ހޭދަ ކުރަމުން އައީ ރުއިމާއި ހިތާމައިގެ ތެރޭގައެވެ. އެހާވަރަށް އެކަނިވެރިކަން އިހުސާސުވީ ދުވަސްވަރެއް އަހަރެންގެ ޙަޔާތަކަށް ނާދެއެވެ. މިކަމުގެ ނޭދެވޭ އަސަރު އަހަރެންގެ ވަޒީފާއަށާއި، އަރަބި ކުލާސްތަކަށްވެސް ދިޔައީ ކުރަމުންނެވެ. އަހަރެންގެ މުދައްރިސު ސައުދުއަށް މިކަން ފާހަގަވެގެން އަހަރެންގެ ވާހަކަތައް އަހަރެން ގާތުން އަޑުއެހިއެވެ. އޭނާ އަހަންނަށް ވަރަށް ގިނަ ނަސޭޙަތް ދިނެވެ. އޭނާގެ ހުރިހާ ވާހަކައެއްވެސް ރަނގަޅެވެ.
ސައުދު ބުނީ އަހަރެން، އަހަރެންގެ ވެރި ރައްބަށް އީމާން ވެއްޖެނަމަ، އަހަރެން ބަރުދަސްތު ކުރަމުންދާ އެކަނިވެރިކަމާއި ވޭންތައް އެއިލާހު ގެންދަވާނެ ވާހަކައެވެ. އެއީ ބުރާސްފަތި ދުވަހެކެވެ. އެރޭ އަހަރެން ވަރަށް އިޚްލާސްތެރިކަމާއެކު އަހަރެންގެ ވެރި ރައްބުގެ ޙަޟްރަތުގައި، އަހަންނަށް އެހީތެރިވުމަށް އެދި ދުޢާކުރީމެވެ. އޭގެ އަނެއް ދުވަހު އަހަރެން ހޭލި އިރު، އަހަރެން ތަޙައްމަލު ކުރަމުން އައި ހުރިހާ ވޭންތަކެއް ފިލައިގެން ގޮސްފައިވާ ކަހަލައެވެ. އަހަރެން ހަރުއަޑުން ބުނީމެވެ:
"އަހަރެންގެ ރައްބު ހުރިހާ ކަމެއް އެންމެ ރަނގަޅަށް ނިންމަވާނެއެވެ."
އެހަފްތާ ބަންދު އަހަރެން ހޭދަކުރީ ސައުދާއެކު އިސްލާމްދީނުގެ މަޢުލޫމާތުތައް އެއްކުރުމުގައެވެ. އަހަންނަށް ފާހަގަވެގެންދިޔައީ އަހަރެން ހީކުރިވަރަށްވުރެ ބޮޑަށް އަހަންނަށް އިސްލާމްދީން އެނގޭ ކަމެވެ. އާދީއްތަ ދުވަހު، މުސްލިމު އަންހެނުންގެ ގުރޫޕެއްގައި އަހަރެން ޝަހާދަތް ކިޔައި އިސްލާމް ދީނުގެ ތަރަހައަށް ވަނީމެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު، ފޯލްސް ޗާޗް، އެރިޒޯނާ ގެ މަސްޖިދު ދާލުން ޙިޖުރައިގައި ހުކުރު ނަމާދު ފަހުން ޝަހާދަތް ކިޔައި އަހަރެންގެ އިސްލާމްކަން އެންމެނަށް އިޢުލާން ކުރީމެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ރަމަޟާން މަސް އަހަންނާ ބައްދަލު ކުރިއެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައަށް އަހަރެން މާތްވެގެންވާ މައްކާއަށް އުމްރާއަކަށް ދިޔައީމެވެ. މުސްލިމަކަށް ވުމަކީ އަހަރެންގެ ޙަޔާތުގައި ކުރެވުނު އެންމެ ރަނގަޅު ކަމެވެ. އަދި އޭގެ ފަހުން އަހަރެން ދުވަހަކުވެސް ފަހަތަށް އެނބުރިއެއް ނުބަލަމެވެ.
ތަރުޖަމާ ކުރެވިފައިވާ މި ވާހަކައިގެ އަސްލު ނެގިފައިވަނީ ކޮންވޭއިން އިސްލާމިކް ނޮލެޖްގެ ސްޓޯރީސް އޮފް ނިއު މުސްލިމްސް އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!