އިންޑިއާ އައުޓް ބެނާ އަތުލަން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކުރި މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ނުދާން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ މިދިޔަ މަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ގެންގޮސްފައި ވަނިކޮށް ހައި ކޯޓުން ދާދިފަހުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. އަމުރު ބާތިލްކުރީ ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

Ad
rt

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން މީޑިއާތަކަށް ކަށަވަރުކޮށްދިނެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މުއްދަތު ވެސް މިއަދު ހަމަވާނެ އެވެ.

ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުން އަމުރު ނެރެދިން ސަބަބެއް އެ އަމުރުގައި އެނގެން ނެތުމުގެ އިތުރަށް ފުލުހުން ތުހުމަތުކުރި ކުށާއި ބެނާއެއް ހަރު ކުރުމާ ގުޅޭ ގޮތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އަދި ޔާމީންގެ ގެކޮޅަށް ވަނުމެއް ނެތި ބެނާ ނެގެން އޮއްވާ އަމުރެއް ހޯދައިގެން އެގެއަށް ވަދެ ބެނާ ގެންދިއުމަކީ ވެސް ހައި ކޯޓުން ދެއްކި މައްސަލަ އެކެވެ.