ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ނިޒާމުން ހިންގުމަކީ ރަށުގެ އިހުތިސާސްގެ ފައިދާ އާއި ބާރުތައް ރަށުގެ ރައްޔިތުންނަށް ދޫކޮށްލެވޭ މިންވަރަކުން ފުރިހަމަވެގެންދާ ނިޒާމެއްގެ ގޮތުގައި ރައްޔިތުން ޤަބޫލުކުރަން ފެށިތާ ދުވަސްތަކެއް ވެއްޖެއެވެ. ލާމަރުކަޒީ ޤާނޫނުގެ ބާރުތައް އަދިވެސް މައި ސަރުކާރުން ދޫނުކޮށް ހިފަހައްޓާ ވާހަކަ އަކީވެސް އަޑުގަދަ ވާހަކައެކެވެ.
ރަށުގެ ބިނާ ވެށި ޕްލޭން ހެދުމުގެ ބާރު ވަނީ ރައްޔިތުން އެދޭގޮތައް އެކުލަވާލުމަށް ރަށު ކައުންސިލަށް ޒިންމާ ކުރުވާފައެވެ. މިދުވަސްވަރު އެންމެ ސަމާލުކަންދީގެން ރަށު ކައުންސިލުތަކުން ކުރަމުން އަންނަ އެއް މަސައްކަތަކީ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ ފާސް ކުރުމުގެ މަސައްކަތެވެ. އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްގެން މި މަސައްކަތް ކުރުމަށް ކުންފުނިތަކާއި ހަވާލުކޮށްގެންނެވެ.
ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ހަވާލުކުރެވޭ ކޮންޓްރެކްޓަރުގެ ޕްލޭނު ރައްޔިތުންގެ ޕްލޭނާއި ދިމާނުވުމަކީ ރައްޔިތުންގެ ކުށެއް ނޫނެވެ. ރައްޔިތުން ޕްލޭން ކުރަނީ އެތައް އަހަރަށް ރަށުގެ އިހްތިސާސް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމާއިމެދު ޝައްކެއްނެތެވެ.
ރަށުގެ ޤުދުރަތީ ރީތި ހުދު ވެލި ގޮނޑުދޮށާއި، ޗާލު ބޮޑު ފަޅުން ރަށު ފަތުރުވެރިކަމުގެ ނަފާ ލިބިގަތުމަށް ރައްޔިތުން އުންމީދު ކުރަމުން އަންނަތާ އެތައް ދުވަހެކެވެ. ގެސްޓުހައުސް ވިޔަފާރިއާއި ހޯމް ސްޓޭ ވިޔަފާރީގެ ފައިދާއިން ޖީބަށް ވަންނަ ޑޮލަރު ހޯދުމަށް ނޭދޭ ރައްޔިތެއް ނެތެވެ. ގެދޮރު ވިޔަފާރިން ނަފާ ލިބޭނެކަން ޔަޤީންކުރެއެވެ. އަތްތެރި މަސައްކަތުން ތަކެތި ހަދާ ވިއްކޭނެ ކަން އެނގެއެވެ.
ކޮންޓްރެކްޓަރަކީ ރައްޔިތުންގެ ޕްލޭން ރަށު ކައުންސިލާއިއެކު ރައްޔިތުން އެދޭ ގޮތަށް ކުރަހަން ޖެހޭ ބައެއް ކަމަށް ޤަބޫލު ނުކުރެވި އެމީހުން ބޭނުންވާ ގޮތަށް ކުރަހަން ޒުވާބު ކުރާ ބަޔަކަށް މިވަނީ ވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ގޯސް އެއްޗެއް ރަނގަޅު ކަމަށް ރައްޔިތުންނަށް ވިސްނައިދީގެން ނޫނީ ގެސްޓް ހައުސް، ހޯމް ސްޓޭ ވިޔަފާރި ހުއްޓުވޭނެ ގޮތެއް ނެތެވެ. އެ ވިޔަފާރި ހުއްޓުވިގެން ނޫނީ ނިކަމެތި ރައްޔިތުން މުުއްސަނދިވުން ނުހުއްޓޭނެތީއެވެ.
މަހުޖަނު ރިސޯޓު ވެރިންނާއި، ސިޔާސީ ބާރުވެރިންގެ ނުފޫޒާއި ރިޝްވަތުގައިޖެހި އެ އަނދިރި ޕްލޭނާއި އެއްގޮތަށް ޕްލޭން ފާސްކުރުމަށެވެ. “ސިޓީ ހޮޓާ” މިނަން ކިޔައިގެން، މީ ރައްޔިތުންނަށް މާމޮޅު މުއްސަނދިކަމެއްގެ ގޮތުގައި ކިޔަވައިދީ ގަދަކަމުންވެސް އާ ބަސް ހޯދިއްޖެނަމަ އެ ރައްޔިތުންނަށް އެންމެ ގެއްލުން ހުރިގޮތައް ޕްލޭން ފާސްކޮށް އަނދިރި ޕްލޭން ފުރިހަމަ ކުރެވުނީއެވެ. ކޮންޓްރެކްޓަރަށް ލިބެނީ ކިހާ މަންފާއެއް ކަމެއް ހިޔާލަށް ގެންނަންވެސް ނޭނގެއެވެ. ޔަޤީންވަނީ އެކަށީގެންވާ ފައިދާ އަކަށް ނޫނީ ނުކުރާވަރުގެ ޒުވާބެއްކޮށް ހާސިލުކުރަން ކުރާ މަސައްކަތެވެ.
ށ ބިލެތްފަހީގެ ފޮޓޯއެއް ފޮޓޯ: އަޙްމަދު ނާޒިމް
ނަމެސް ދުނިޔެ އާއި ރާއްޖެ ތަޖުރިބާ ކުރަމުން އަންނަ ސިޓީ ހޮޓަލަކީ ރަށުގެ ޓުއަރިޒަމްގެ ހަލާކޭ ބުނެވިދާނެއެވެ. އެންމެ ރަނގަޅު ބިންތައް ވިއްކާލަން އެ ޕްލޭނުގައި ހިމަނުވައެވެ. އޭގެ އިތުރުން ކުލީބިންތައް ވެސް ހިމަނަނީ ގެސްޓް ހައުސް ހޯމް ސްޓޭ ވިޔަފާރި ރަށުގެ ރައްޔިތުންނަށް ނުކުރެވޭނެ ގޮތަށެވެ. ވިޔަފާރި ބިންތަކަށް ވަރަށް ސަމާލުވެ ރަށުގެ ވިޔަފާރި ހަލާކުވާނެ ގޮތަށެވެ.
ހަމަ ހައިރާންވެ ބިރުގަންނަން ފެށި ހިސާބަކީ އެއީ ކަމަށް ރައްޔިތުންނަށް ހީވާން ފެށީ އެފަދަ ސަބަބުތައް ހުރީތީއެވެ. ބައެއް ރަށު ކައުންސިލުވެސް ހަމަ އެގޮތެވެ. މަހުޖަނުންނާއި ސިޔާސީ ބާރުވެރިންގެ އަނދިރި ޕްލޭނުގައި ރަށު ކައުންސިލާއި ކޮންޓްރެކްޓަރު ގުޅިގެން އެމީހުންގެ ދައުރު އަދާކުރަނީ ނުހަނު ޝައުޤު ގައެވެ. މި ފަހި ފުރުސަތު ބޭނުން ކުރަމުންދަނީ ބައެއް ކައުންސިލުތައް އެކަން އެނގުމާއި ނޭނގުމުގެ ތެރޭގައެވެ.
ރިސޯޓު ވެރިން ރަށުގެ “ލޯކަލް ޓުއަރިޒަމް” ކުރިއަރާދާނެތީ ކަންބޮޑުވާކަން އެނގޭ ރައްޔިތުން މަދު ކަމީ އެމީހުންނަށް ނާޖާއީޒު ފައިދާ ނެގުމަށް ފަސޭހަވާ ކަމެކެވެ. ރިސޯޓު ވެރިންގެ ހީލަތްތެރި ރޭވުންތައް ރާވާ ހިންގަމުންދާތާ އެތައް ދުވަހެކެވެ. ރަށްރަށުގެ ބިނާވެށި ޕްލޭންގައި ކުރަހާ ކުލަ ޖައްސަމުންދަނީ އެ ހީލަތްތެރި ރޭވުމުގެ އަނދިރި ޕްލޭނާއި އެއްގޮތަށެވެ. ރައްޔިތުންނަށް ވާނުވާ ނޭނގިއެވެ. ރަށު ކައުންސިލްތަކަށް ކޮންމެވެސް ވަރަކަށް އެނގިތިބެއާއި ނޭނގިތިބެ، ބައެއް ރަށު ކައުންސިލުތަކަށް ފުރިހަމައަށް އެނގިތިބެ ކޮންޓްރެކްޓަރުން ރިސޯޓު ވެރިންނާއި ނުހަނު އެކުވެރިކަމާއިއެކު އެވެ. އަނދިރި ޕްލޭނުގައި ބިނާ ވެށި ޕްލޭންތައް ފާސްވަމުން ދާކަމީ ލޯކަލް ޓުއަރިޒަމާއި ރަށުގެ ނަފާއިން ރަށު ތަރައްޤީ ޤަސްތުގައި ނިގުޅައިގަތުމެވެ. ރަށްރަށުގައި މިކަން އެބަ ހިނގައެވެ.
ރަށު ބިނާ ވެށި ޕްލޭންގެ ފަހަތުގައިވާ އަނދިރި ޕްލޭނުން މިންޖު ނުވެވިދާ ކޮންމެ ރަށަކީ އެތައް ގެއްލުމާއި، އަނިޔާތަކެއް ލިބޭނެ ރަށެކެވެ. ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވާ ހޭލުންތެރި ވުމަކީ ނުހަނު މުހިންމު ކަމެކެވެ.
އަޅުވެތި ވާންވެސް، ނިކަމެތި ވާންވެސް ރައްޔިތުން ނޭދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!