މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ދަޢުލަތުގެ ބައެއް މިނިވަން މުއްސަސާތައް ގުޅިގެން ރާއްޖޭގެ މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، "ކޯޓް ރިޕޯޓިންގ ވޯކްޝޮޕް" އެއް އިއްޔެ ބާއްވައިފިއެވެ.
އެމްއެމްސީން މައުލޫމާތު ދެއްވާގޮތުގައި މި ވޯކްޝޮޕަކީ ނޫސްވެރިންނަށް އިންތިޒާމް ކޮށްގެން ކޯޓުތަކުގެ މައްސަލަތަކާއި ގާނޫނީ މައްސަލަތަކުގެ ވަށައިގެންވާ މައްސަލަތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް އިތުބާރާއެކު ލިޔެ، ރިޕޯޓު ކުރުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވުނު ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި ސެޝަންތައް ނަންގަވައިދެއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަން، ބާ ކައުންސިލް އޮފް ދަ މޯލްޑިވްސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުންނެވެ.
މި ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދިން ބައެއްބައިތަކުގެ ތެރޭގައި އަދުލު އިންސާފުގެ ނިޒާމުގެ މައިގަނޑު ގާނޫނުތަކަކީ ކޮބައިކަމާއި، ގާނޫނުތަކާއި، ކޯޓުތަކުގެ ބާވަތްތަކާއި އަދި ކޯޓް ރިޕޯޓު ކުރުމުގެ އަސާސީ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ކޯޓުގައި ހިނގާ މައްސަލަތައް ކުރިއަށްދާގޮތާއި މަރުހަލާ ތަކާއި އަޑުއެހުންތަކަށް ހާޟިރުވެ ސަމާލުކަންދޭންވީ ކަންތައްތައް ވޯކްޝޮޕްގެ ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ. އަދި ޖިނާޢީ އިޖުރާޢަތުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިތިބޭ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރުމަށް ޖިނާޢީ އިޖުރާޢަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި ބެހޭގޮތުން ވޯކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައްސަލަ ބަލާ ގޮތުގެ ކުރު ހުލާސާ އަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކޯޓުތަކާއި ގުޅޭ ހިސާބަކީ ކޮބައިކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލާ މައްސަލަތައް ނޫސްވެރިން ރިޕޯޓް ކުރުމުގައި ގެންގުޅެން ޖެހޭނެ މައިގަނޑު އަސާސްތައް ވޯކްޝޮޕްގެ ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.
މި ކޯޓް ރިޕޯޓިންގ ވޯކްޝޮޕްގައި ޖުމްލަ 28 ފަރާތަކުން ބައިވެރިވެފައިވާއިރު، މީގެތެރޭގައި މީޑިއާގައި މަސައްކަތްކުރައްވާ ބޭފުޅުންނާ، މިނިސްޓްރީތަކާއި، ކޯޓުތަކުންނާއި އަދި ފްރީލާންސް ކޮށް މަސައްކަތްކުރައްވާ ބޭފުޅުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!