ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ތްރިވަނަންތަޕުރަމަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދަތުރުތައް އިތުރު ކުރާނީ މި މަހުގެ 29 އިން ފެށިގެންނެވެ. އެގޮތުން ތްރިވަންތަޕުރަމް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ފަސް ދުވަހު ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.
ވީއައިއޭގެ އިތުރުން ހަނިމާދުއިން ކުރާ ދަތުރުތައްވެސް އިތުރު ކުރަން އެ އެއާލައިނުން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ހަފުތާއަކު ދެ ދުވަހު ދަތުރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މާލެ އާއި ތްރިވަނަންތަޕުރަމް އާ ދެމެދު މިހާރު ދަތުރު ކުރަނީ ހަފުތާއަކު ތިން ދުވަހުއެވެ. އެއީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރެވެ. އިތުރު ކުރަން ނިންމާފައިވަނީ އާދީއްތަ އަދި ބުދަ ދުވަހެވެ.
ތްރިވަނަންތަޕުރަމް އެއާޕޯޓަކީ ރާއްޖޭން ގިނަ ބަޔަކު ދާ ކެރެލާ ސަރަހައްދުގެ އެއާޕޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!