ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންގް ގުޅިގެން ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައިކަމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ބުނެއެވެ.
މިފޯރަމްއަކީ ޙިއްސާގެ ބާޒާރާއި ގުޅޭ ގޮތުން މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ފޯރަމްގައި ދާއިރާއާއި ގުޅުންހުރި ދަޢުލަތުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިން ބަރިވެރިވާއިރު، ކެޕިޓަލް މާރކެޓްގައި ޝާމިލްވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރެއްގެ މަޝްވަރާތަކާއި ހުށަހެޅުންތައް މި ބައްދަލުވުމުގައި ކުރިއަށްދާނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ.
ސީއެމްޑީއޭއިން ބުނީ މިފޯރަމް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ކެޕިޓަލް މާރކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ދެނެގަތުންކަމަށެވެ. މި ގޮތުން މި ނިޒާމު ކުރިއަރުވާއިރު، މި ނިޒާމަކީ ދިވެހި ޤައުމަށް އިޖްތިމާއި އަދާލަތު ގެނުވައިދޭނެ ނިޒާމެއްގެ ގޮތުގައި ރޭވުމަކީ ފޯރަމްގެ މަޤްޞަދެއްކަމަށް ސީއެމްޑީއޭއިން ބުނެއެވެ.
މިފޯރަމް ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!