ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލާގައި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާތަކުގައި ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމާފައި ވަނިކޮށް އެ ނިންމުން ސުޕްރީމް ކޯޓުން ބަދަލުކުރީ ދައުލަތުން އެ ނުކުތާ އިސްތިއުނާފް ކުރުމުންނެވެ.

Ad
rt

އެއީ އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު ނިހާޔަތު ޑީޕީޖީއަކަށް ހުންނެވުމުންނެވެ. ނިހާޔަތު އެ މައްސަލާގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެ އެވެ. އޭނާ ފަހުން އިސްތިއުފާ ދެއްވީ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހަކު ދައުލަތުގައި މަސައްކަތްކުރި އޮފީހަކަށް އެ މައްސަލަ ހުށަހެޅިއްޖެ ނަމަ އެ މީހަކަށް ދިފާއީ ވަކީލެއްގެ ގޮތުން އެ މައްސަލާ ނާދެވޭނެ ކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ. އަދި އެ މައްސަލާގެ ކަމެއް ނިންމުމުގައި ޕީޖީ އޮފީހުގައި ނިހާޔަތު ބައިވެރިވެފައި ނެތަސް، އޭނާއަށް ދިފާއުގައި ނާދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މި ނިންމުމާ އެކު، ޕީޖީ އޮފީހުގައި އޭނާ ހުންނެވި ދުވަސްވަރު ދެން ހުށަހެޅި މައްސަލަތަކުގައި ވެސް ދިފާއީ ވަކީލަކަށް ނިހާޔަތަކަށް ކޯޓަށް ނުދެވޭނެ އެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލާގައި ސުޕްރީމް ކޯޓުން ވެސް މިއަދު ނިންމީ އާޒިމާއާ ދެކޮޅަށެވެ.