މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީގެ ވިލިމާލޭ ދާއިރާގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި- އިލެކްޝަންގެ ރަސްމީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ.

މިރޭ އިލެކްޝަން ކޮމިޝަން (އީސީ) ދާއިމީ ނަތީޖާ ޢިއުލާންކުރި އިރު، އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

Ad
rt

މިވޯޓު ދާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އެވެ. ފާތުން އިންތިޚާބު ކާމިޔާބުކުރީ އެއް ވޯޓުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ފާތުން އަށް ލިބިފައިވަނީ 359 ވޯޓެވެ.

ފާތުން އާއި ވާދަކުރި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެނޑިޑޭޓް އައިމިނަތު ސީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 12 އެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޢިއުލާންކޮށްފައި ވަނީ އިންތިޚާބާއި ގުޅިގެން އެމްއެންޕީން ހުށަހެޅި ޝަކުވާ މިރޭ ބެލުމަށްފަހުއެވެ. އެ ޝަކުވާއާއި ގުޅިގެން ނަތީޖާއަށް ބަދަލު ނާންނަކަމަށް އީސީން ވަނީ ނިންމާފައެވެ.

އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރު އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައިނހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށަހެޅުމުންނެވެ.