ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި މައްސަލާގައި އާޒިމާއާ ދެކޮޅަށް ސުޕްރީމް ކޯޓުން ވެސް މިއަދު މައްސަލަ ނިންމައިފި އެވެ.
މަނީ ލޯންޑްރިންއަށް އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދެމެހެއްޓުމުން އާޒިމާ ސުޕްރީމް ކޯޓަށް ވަޑައިގަތީ ދައުވާ ކުރިއަށް ގެންދެވޭނެ ހެއްކެއް ނެތް ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދައުވާ ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ގާނޫނު އޮތްގޮތުން މިހާރު ނެތް ކަމަށެވެ.
އެހެންކަމުން އާޒިމާ ހުށަހެޅި އިސްތިއުނާފް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން ތާއީދު ކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!