މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ދެބައިކުޅަ އެއްބައިއަށް ވުރެ ގިނަ ވޯޓު މިރޭ 20:20 އާއި ހަމައަށް ގުނާފައިވާއިރު، އެ އިންތިޚާބުގައި ތަފާތު ބޮޑުކޮށް ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ.
މި އިންތިޚާބުގައި ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވާއިރު މިރޭ 20:20 އާއި ހަމައަށް ވަނީ 134 ފޮށި ގުނާފައެވެ. އެ ފޮށިތަކުން ފަޔާ ވަނީ 15،643 ވޯޓު ހޯދާފައެވެ. އިންތިއަށް ލިބިވަޑައިގަތީ 9،889 ވޯޓެވެ.
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި ދެ ބޭފުޅުންތެރެއިން ކުރީގައި އުޅުއްވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އެޕާޓީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. ޒުވާނުންގެ ހިތްވަރުގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.
އިންތިޚާބުގެ ވޯޓުން ކުރިއަށް ގެންގޮސްފައި ވަނީ އިރުއޮއްސެ 18:00 އާއި ހަމައަށެވެ. ކުރިން ވޯޓުލުން ނިންމާގޮތައް އޮތީ ހަވީރު 16:00 ނިޔަލަށެވެ. ގަޑި އިތުރުކުރި ސަބަބެއް ކަމަށް އެމްޑީޕީން ބުނީ، ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުލެއް ލަސްވުމުގެ ސަބަބުން ވަގުތު އިތުރުކުރީ ކަމަށެވެ.
އިންތިހާބުގެ ވޯޓުލުން ހަތަރެއްގެ ފަހުން އިތުރުކުރި ކަމަށް ބުނެ އެ އިންތިހާބުގައި ވާދަކުރާ އިންތިގެ ފަރާތުން އެމްޑީޕީގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހަޅާ ކޮމިޓީއަށް ވަނީ ޝަކުވާ ވެސް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!