ވިލިމާލެ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އަބަދުވެސް ލިބޭ ބޮޑު އުފަލެއް ކަމަށާއި، އެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރަން ނުކުމެ ހުރީ އެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އައު ހަރުފަތަކަށް ގެންދިޔުމުގެ ނިޔަތުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ ބުނެފިއެވެ.

ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އޭނާ ވަނީ ކުރިން އެ ގޮނޑި ފުރި އީމާންއަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއްކަން ފާހަގަކޮށް، އީމާންގެ ޚިދުމަތްތައް ފާހަގަކޮށް ވާހަކަ ދައްކާފައެވެ.

Ad
rt

ޝީޒާ ބުނީ އޭނާ އަމިއްލަ ގޮތުން އިޖުތިމާއީ މަސައްކަތުގައި އުޅޭތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ހެޔޮހިތުން އިޖުތިމާއީ މަސައްކަތް ކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ނަމަވެސް މި މަސައްކަތްތައް މިހާތަނަށް ކުރަމުން އައީ އަމިއްލަ ގޮތުންކަމަށް ވުމުން އެންމެ ފުރިހަމަ ގޮތުގައި މި މަސައްކަތެއް ނުކުރެވޭ، އެހެންކަމުން އެމްއެންޕީން ދިން ފުރުޞަޠުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މަސައްކަތް އިތުރަށް ފުޅާކުރަން ނުކުމެ މިހުރީ، އަޅުގަނޑުގެ އެދުމަކީ މި އިންތިޚާބުގައި ކެންޑިޑޭޓު ނަމްބަރު 2 އަޅުގަނޑަށް މިދާއިރާގެ ހުރިހާ ރައްޔިތުން ވެސް ވޯޓު ދެއްވުން" ޝީޒާ ބުނެފައި ވެއެވެ.

ޝީޒާ ވަނީ އެ ގޮނޑި ކާމިޔާބުކޮށް، އޭނާގެ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިޔުމަށް އެ ދާއިރާގެ ހުރިހާ ރައްޔިތުންގެ ގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައެވެ.

އެމްއެންޕީގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޝީޒާއަކީ އިޖުތިމާއީ ކަންކަމުގައި ތަފާތު ގިނަ އެންޖީއޯތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ފިޓްނަސް އިންސްޓްރަކްޓަރެއްގެ އިތުރުން ކޭކް އެޅުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ދުޅަހެޔޮކަމާއި އަމާން އެކުވެރި ވެއްޓެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ އެންޖީއޯއެއް ކަމަށްވާ "ވިލަވްސް" ޖަމުޢިއްޔާގައި ޝީޒާ ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ޝީޒާވަނީ މެލޭޝިޔާއިން މަތީ ތަޢުލީމް ހާސިލްކުރައްވާ، ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި 16 އަހަރު މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރިއެއް ކަންވެސް ފާހަގަކޮށްލެވެއެވެ.

ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ޝީޒާގެ އިތުރުން ދެން ވާދަކުރަނީ އިދިކޮޅު ކޯލިޝަންގެ މައިޕާޓީއަށް ނިސްބަތްވާ ފާޠިމަތު ނާޡިމާ އެވެ.

މި އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިއްމާފައި ވަނީ އަންނަ މޭމަހުގެ 14 ވަނަ ދުވަހުއެވެ.