މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން މިފްކޯއިން ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވާތީ ފްރީޒް ކުރަން ވަގުތު ބޭނުންވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ކިޔޫގައި ތިބި ދޯނިތަކުން ހުރިހާ މަހެއް ކިރާފައިވާ ކަމަށްވެސް ބުންޏެވެ.

Ad
rt

މިފްކޯއިން ބުނީ ދޯންޏަކަށް ހަތް ޓަނުގެ ލިމިޓެއް ކަނޑައެޅީ ދޯނިތަކުން މަސް ބާނަނީ އެއްވަރަކަށް ކަމަށްވާތީ ކަމަށެވެ. އެގޮތަށް ކަންތައް ކުރުމުން ކެޕޭސިޓީއާ އެއްވަރަށް މެނޭޖް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއީ ފާއިތުވި ދެ ހަފުތާ ތެރޭ މިފްކޯއިން މަސް ކިރާ ލިމިޓް ކަނޑައެޅި ދެވަނަ ފަހަރެވެ. ކުރިން އެ ކުންފުނިން ލިމިޓެއްް ގޮތުގައި ކަނޑައެޅީ ދޯންޏަކަށް ފަސް ޓަނެވެ. އެއާއެކު މަސްވެރިން މުޒާހަރާ ވެސް ކުރިއެވެ.

މިފްކޯއިން އެ ލިމިޓު އުވާލީ މުޒާހަރާ ގުޅިގެން މިދިޔަ ހަފުތާގައެވެ.

މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް އެ ކުންފުނީގެ 100 ޓަނުގެ ޖަޒީރާ-102 ކޫއްޑު އަށް ވަނީ ފޮނުވައިފައެވެ.