ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ދިފާއުގައި އެމަނިކުފާނުގެ ފަރާތްޕުޅުން 18 ހެއްކެއް މިއަދު ހުށަހަޅައިފި އެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ދޮވުނު ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ދިފާއުގައި ހުށަހެޅީ ހަތް މީހަކާއި 11 ލިޔުމެވެ. އެ ހެކިތަކުގެ ތަފްސީލަކަށް މިއަދު ނުދެ އެވެ.

Ad
rt

ޔާމީނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށެވެ. ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅީ 13 ހެއްކެކެވެ.

އެ މައްސަލާގައި ދެން އޮންނާނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމެވެ. އެކަމަށްޓަކައި އަންނަ މަހު އަޑުއެހުމެއް ބާއްވާނެ އެވެ.

ޔާމީންގެ މައްޗަށް އެ މައްސަލާގައި ކުރާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން އަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.