މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގައި، ދިވެހި ބަހުގެ ގަވާއިދާ ޚިލާފަށް ދައުލަތުން ދައުވާ ލިޔެފައިވާ މައްސަލަ ދިފާއީ ވަކީލުން ކޯޓުގައި މިއަދު ފެންމަތިކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ނެންގެވީ ދައުވާލިބޭ މ. ކުދެހިގޭ އިސްހާގުގެ ވަކީލް އަހުމަދު ޔާމީނެވެ.
އެއް ދައުވާގައި ލިޔެފައި އޮތީ "އައިއީޑީ ހަރުކޮށްފައިވާ ސައިކަލު ބެހެއްޓުމުން އަދުހަމް ގޮއްވާލާފައިވާތީ" ކަމަށެވެ. އެއަށް އިޝާރާތްކޮށް، ގޮއްވާލީ ބޮމެއްތޯ ނުވަތަ އަދުހަމްތޯ ވަކީލް ސުވާލު އުފެއްދެވި އެވެ. އަދުހަމަކީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާ އެވެ.
އެހެން އިބާރާތެއްގައި އޮތީ "ނީލޯފަރުމަގާއި މަޖިދީމަގު ގުޅުނު ކަންމަތީގައި އައިއީޑީ ހަރުކޮށްފައިވާ ސައިކަލު" މިހެންނެވެ. މިގޮތަށް އޮތުމުން އެ ކަންމައްޗަކީ އޮޓޯއިން ސައިކަލުތަކުގައި އައިއީޑީ ހަރުކޮށްދޭ ސަރަހައްދެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. މިކަން ފަނޑިޔާރުންގެ ބެންޗުން ވެސް ކުރީގެ އަޑުއެހުމެއްގައި ފާހަގަކުރި އެވެ.
ދައުލަތުން ބުނީ ދައުވާގައި ކޮމާ ބޭނުންކޮށްފައިވާ ގޮތަށް ބެލުމުން އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމެވީ ދައުވާ ސާފުވެފައިވާތީ ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
އިސްހާގު ދައުވާއަށް މިއަދު އިންކާރުކުރި އެވެ. ދެން ތިބި ފަސް މީހުން ކުރިން ވެސް ދައުވާއަށް އިންކާރުކުރި އެވެ. އެއީ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމާއި ފަހުމީ އަލީގެ އިތުރުން މުހައްމަދު ނާޒިމެވެ.
އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން މިއަދު ނިންމި އެވެ. އަދި ދިފާއީ ހެކި ހުށަހަޅަން 15 ދުވަސް ކޯޓުން ދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!