ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންހެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ''ނެއިބަހުޑް ޕޮލިސިންގ މޮޑެލް - އަވައްޓެރި ފުލުހުންގެ ހިދުމަތް'' މުޅި ރާއްޖޭގައި މިހާރު ތައާރަފު ކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ، މިހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށާވަނީ 2020 އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހުކަމަށާއި މި މަސައްކަތުގައި މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައްޓެރި ފުލުހުންގެ ތަމްރީނުތައް ދެވިފައިވާކަމަށެވެ. އަދި މި ތަމްރީނުތަކުގެ ތެރެއިން، އެ ރަށްރަށުގެ ކައުންސިލުތަކާއި، އެހެނިހެން މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކާ ބައްދަލުކޮށް އަވައްޓެރި ފުލުހުންގެ ހިދުމަތުގެ މައުލޫމާތުދީފައިވާކަމަށެވެ.

Ad
rt

އެގޮތުން، އަވައްޓެރި ފުލުހުންގެ ހިދުމަތް ހިނގާނެގޮތާއި ފުލުހުންނާއި މުއައްސަސާތައް ގުޅިގެން މަަސައްކަތް ކުރާނެ ގޮތާއި އެކި ފަރާތްތަކުގެ ދައުރާއި ކުށްމަދު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

އަތޮޅުތެރޭގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް، އަވައްޓެރި ފުލުހުންގެ މަސައްކަތާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާއިރު އަވައްޓެރި ފުލުހުންގެ މަސައްކަތް ކުރެވެމުންދަނީ އެ މަސައްކަތަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެންކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

“އިތުބާރުދީ އެ އިތުބާރު ދަމަހައްޓައި، އިހުތިރާމާއެކު އެކުގައި ގުޅިގެން ދެވޭ ޚިދުމަތަކުން އަމާން ރައްކާތެރި އަދި ރައްކާތެރިކަން އިހުސާސްވާ މުޖުތަމައެއް ބިނާކޮށްދިނުން މައިގަނޑު އަސާސް ކަމުގައި ކަނޑައެޅިގެން ފުލުހުންގެ ޚިދުމަތް ދިނުމުގެ ނިޒާމަށް މި ގެނެވުނު ބަދަލުގެ އަމާޒަކީ ކުށަށް ހުށަހެޅެން ހުންނަ ކަންކަން ދުރާލާ ދެނެގަނެ، އެ ކަންކަން ހައްލު ކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން އެކުގައި މަސައްކަތްކުރުން”

ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

މީގެ އިތުރުން، މުޖުތަމައުތައް ނުވަތަ ރަށްރަށް ބައިބަޔަށް ނުވަތަ ނެއިބަހުޑް ތަކަށް ބަހައި، އެ ނެއިބަހުޑް ތަކަށް މަސްއޫލުވާ ފުލުހުން ކަނޑައަޅައިގެން ޚިތުމަތް ދިނުމުގެ ވައްޓަފާޅިއަށް މި ގެނެވޭ ބަދަލުގެ ބޭނުމަކީ ރައްޔިތުންނާއި ފުލުހުންނާ މެދު ފަސޭހައިން މުއާމަލާތު ކުރެވޭނެ ފަދަ ފާލަމެއް އެޅުމާއި، ރައްޔިތުންނާ ގާތުން ހަމަހަމަކޮށް އަދި ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ލިބިދޭނެ، ސީދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަމާޒުކޮށް ތަރުތީބުކޮށްގެން ފޯރުކޮށްފެވޭ ޚިދުމަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުންކަމުގައި ބުނެފައި ވެއެވެ.

މި މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު މާލޭ އޭރިއާގައި އަދި 2019 ގައި އައްޑޫ ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު 2019 މާރިޗު 29 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާ، ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލް އެކެވެ.