މެލޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެބްވެޓައިޒިން ކެންޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން މައިބަންޕް މީޑިއާއާއެކު ފަށައިފިއެވެ.
އެމްއެމްޕީއާރުސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ކެންޕެއިން ކުރިއަށް ދާނީ 17 މާރޗް އިން މޭ މަހުގެ 17 ވަނަ ދުވަހަށެވެ.
މައިބަންޕް މީޑިއާއަކީ މެލޭޝިއާގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް އައުޓްޑޯ މީޑިއާ އެޑްވަޓައިޒިން ހިންގާ މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުނިން މެލޭޝިއާގައި އާންމު ގޮތެއްގައި މިފަދަ އެޑްވަޓައިޒިން ކެންޕެއިންތައް ކުރިއަށް ގެންދެއެވެ. އަދި މިއީ މެލޭޝިއާގައި މިފަދަ ކަންކަން ހިންގުމުގައި އެ ޤައުމުގެ ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.
އެމްއެމްޕީއާރުސީއާއި މައިބަންޕް އިން ކުރިއަށް ގެންދާ ކެބްވަޓައިޒިން ކެންޕެއިންގެ ތެރެއިން ރާއްޖެއަކީ މެލޭޝިއާ ފަތުރުވެރިން ޒިޔާރަތްކުރުމަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. މި ކެންޕެއިންއަކީ ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެންޕެއިންނެވެ. ދެކުނުއިރުމަތީ އޭޝިއާގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ސްޓްރެޓަޖީ ބިނާވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ކެޓަގަރީތައް މާކެޓް ކުރުމަށެވެ.
މިގޮތުން ރާއްޖޭގައި މަތީ ފަންތި، އާއިލާތަކާއި މުސްލިމް، ފަތުރުވެރިންނަށް ހުރި ފުރުސަތުތަކާއި، އަންޑަރ ވޯޓަރ، ލޯކަލް އަދި ހަނީމޫން ޓޫރިޒަމް ސެގްމެންޓުގައި ރާއްޖެއިން ލިބެން ހުރި ފުރުސަތުތައް ދައްކުވައިދޭނެއެވެ.
މި ކެބްވަޓައިޒިން ކެންޕެއިންގެ ސަބަބުން މެލޭޝިއާގައި ރާއްޖޭގެ ބްރޭންޑު އެކްސްޕޯޝަރ އިތުރަށް ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް، އަދި ލިވަބޯޑުތަކުގައި ފަތުރުވެރިންނަށް ލިބެން ހުރި ފުރުސަތުތަކާއި، ތަފާތު ތަޖުރިބާތަށް މާކެޓްކުރެވޭނެއެވެ.
މި ކެންޕެއިންގެ ދަށުން ރާއްޖޭގެ އިޝްތިހާރުތައް މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރ ނުވަތަ ކޭއެލްގެ މައި ސަރަހައްދުތަކުގައި ދުއްވާ 30 ޓެކްސީއެއްގައި ޖަހާނެއެވެ. އަދި މައިބަންޕްގެ ވެބްސައިޓް، ސޯޝަލް މީޑިއާތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން ބްލޮގްގައި ރާއްޖެއާ ބެހޭ އާޓިކަލް ޝާއިޢުކުރާނެއެވެ. އަދި މައިބަންޕްގެ މެންބަރުންނަށް ރާއްޖޭގެ މައުލޫމާތު އަދި އިޝްތިހާރު މެއިލް މެދުވެރިކޮށް ފޮނުވުމުގެ އިތުރުން އެކުންފުނީގެ މެސެޖިން އެޕްގެ ޒަރިއްޔާއިން މައިބަންޕް ޑްރައިވަރުންނަށް ރާއްޖޭގެ މައުލޫމާތު ހިމެނޭ މެސެޖް ފޮނުވާނެއެވެ.
މި ކެމްޕެއިން ކުރިއަށް ގެންގޮސްފައި ވަނީ ދެކުނުއިރުމަތީ އޭޝިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީގެ މައިގަނޑު މަސައްކަތް ބިނާވެފައިވަނީ މި މާކެޓްގެ ޤައުމުތަކުގެ މައި ސިޓީތަކުގައި އައުޓްޑޯ ކެންޕެއިންތައް ހިންގުމާއި، މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ. އަދި މި މާކެޓްގެ ޤައުމުތަކުގައި ބާއްވާ ބޮޑެތި ފެއާ އެގްޒިބިޝަންތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މައްޗަށެވެ.
ކޮވިޑްގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރުގެ މެލޭޝިއާގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ. ނަމަވެސް މިހާރު މެލޭޝިއާ މިވަނީ ބައިނަލްއަޤްވާމީ އިންބައުންޑް އަދި އައުޓްބައުންޑް ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މިއަހަރުގެ ޖެނުއަރީއިން ފެބްރުއަރީގެ ނިޔަލަށް މެލޭޝިއާއިން ރާއްޖެ 1،194 ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އަދި ބޯޑަރު އަލުން ހުޅުވާލުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މިދިޔަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން ޓްރިޕްޒިއްލާ އަދި ޓްރެވަލް ވީކްލީ އޭޝިއާއާއެކު ވަނީ ހާއްސަ ކެމްޕެއިންތައް ހިންގާފައެވެ. މި އަހަރު މި މާކެޓަށް ހާއްސަކޮށް އެމްއެމްޕީއާރުސީއިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓްރިޕްޒިއްލާ، ހިޕްވީ، އެޕަލް ވެކޭޝަންސް، އަދި މޯލްޑިވްސް އީ-ލާނިން ޕްރޮގްރާމް ހިމެނެއެވެ. މީގެ އިތުރުން މައްޓާ ފެއަރ، މެލޭޝިއާ ޑައިވް އެކްސްޕޯ (މައިޑް) އަދި ތައިލެންޑް ޑައިވް އެކްސްޕޯގައި ބައިވެރިވުމަށްވެސް ހަމަޖެހިފައިވެއެވެ.
ދުނިޔޭގެ ޤައުމުތަކުގެ އެކި ސެކްޓަރ ތަކަށް ކޮވިޑުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އިޤްތިސާދުތައް އާރާސްތުކުރުމުގެ ގޮތުން މިހާރު މިސްރާބުޖަހަމުން މިދަނީ އައު އާންމު ހާލަތު ޤާއިމްކޮށް، ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލާ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމަށެވެ.
ގިނަ ޤައުމުތަކުން މިހާރު ދަނީ މިމޭރުމުން ކޮވިޑްގެ ފިޔަވަޅުތައް ލުއިކުރަމުންނެވެ. މިގޮތުން 4 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮއްފައިވާ އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު ވަނީ 14 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުންވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.
ކުރިއަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!