ޗައިނާއިން ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އަނެއްކާވެސް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.
ފުޅާ ދާއިރާއެއްގައި ޗައިނާއިން ރާއްޖެ އަށް މުދާ އެތެރެކުރަމުން ދާ ވިޔަފާރިވެރިން މިކަމާއި ގުޅިގެން މިނޫހާއި ވާހަކަ ދައްކަމުން ވިދާޅުވީ، މިފަހަކަށް އައިސް ޗައިނާއިން މުދާ އެތެރެކުރުމުގައި އެކި އެކި ސަބަބު ތަކާއިހުރެ މުދާ ގެނައުމުގައި ދަތިތަކާއި ކުރިމަތި ވަމުން އަންނަ ކަމަށެވެ.
އެގޮތުން ގިނަ ބޯޓުތައް ޗައިނާ ކޮޅުން ފުުރުމަށް ފަހު މެލޭޝިޔާގައި ގިނަދުވަސްވަންދެން ތާށިވާކަމަށް ފާހަގަ ކުރި އެވެ. ވަރަށް ގިނަ ފަހަރަށް ކުރިން ތާވަލްކޮށްފައިވާ ގޮތައް ދަތުރުތައް ޑިލޭވާކަން ފަހަކަށް އައިސް ފާހަގަ ކުރެވޭކަމަށް އެ ވިޔަފާރިވެރިޔާ ބުންޏެވެ. ބައެއް ވިޔަފާރިވެރިން ޖެނުއަރީ މަހު ބަރުކުރި މުދާ އަދިވެސް ނުލިބޭކަމަށް އޭނާ ބުންޏެވެ.
ޗައިނާގައި ކުއްލިއަކަށް ކޮވިޑް ކޭސްތައް އިތުރުވެ ބޮޑެތި ބައެއް ސިޓީ ތައް ވަނީ އަނެއްކާވެސް ލޮކްޑައުން ކޮށްފަ އެވެ. މިއަދު އެކަނިވެސް އެކި ސިޓީ ތަކުން ގާތްގަނޑަކަށް 30 މިލިއަން މީހުން ލޮކްޑައުން ކޮށްފައިވެއެވެ.
ވިޔަފާރި ވެރިއަކު ވިދާޅުވީ މިލޮކްޑައުންތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައިވެސް މިހާރު އޯޑަ ދީފައިވާ މުދާތައް ގެނައުމުގައި ލަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. ކަނޑު މަގުން މުދާ އެތެރެ ކުރުމުގައި ލަސްކަމެއް ހުރި އިރު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ގިނަ ފްލައިޓް ތަކެއްވެސް ވަނީ ކެންސަލް ކޮށްފަ އެވެ. މިއާއި އެކު ވައިގެ މަގުން އެއާރ ކާގޯގެ ގޮތުގައި ގެންނަ މުދާތަކަށްވެސް ވަނީ ބުރޫ އަރާފަ އެވެ. މިމަހުގެ 13 ވަނަ ދުވަހުން މިމަހުގެ 18 ވަނަ ދުވަހާއި ދެމުދު އެމިރޭޓްސް އިން ރާއްޖެ އަށް ކުރުމަށް ހަމަޖެހިފައިވާ 9 ފްލައިޓެއްވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
"ކުރިއަށް އޮތް ރޯދަމަހަށް އޮޑަރ ކުރި މުދާތައްވެސް ރޯދައިގެ ކުރިން ލިބޭނެކަމާ މެދު ޝައްކު، ފަހަކަށް އައިސް ޝިޕްމަންޓް ތައް އެއް މަސް، ދެމަސް ، ބައެއްފަހަރަށް ތިންމަސް ލަސްވޭ، މިކަމުގެ ސަބަބުން ވިޔަފާރިއަށްވެސް ވަރަށް ބޮޑަށް ގެއްލުންވޭ"
ވިޔަފާރިވެރިއަކު މިކަމާއި ގުޅިގެން ބުނެފައިވެއެވެ.
ޗައިނާއިން ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި ލަސްވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ޗައިނާގެ ކޮވިޑް ހާލަތު ގޯސްވުމާއި ރަޝިޔާ އާއި ޔުކްރޭން އާއި ދެމެދު ހިނގަމުންދާ ހަގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ހިޔަނި އެޅިފައިވުންވެސް މިކަމުގެ ތެރޭ ހިމެނެ އެވެ. މިއީ ރާއްޖެ އަށް އެކަނި އޮތް ދައްޗެއް ނޫންކަމަށާއި އެކި ގައުމުތަކަށް ލޮޖިސްޓިކްސް އާއި ޝިޕިންގެ ލަސްކަމެއް މިފަހުން އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ އެއް ގައުމެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު އެކަނިވެސް ޗައިނާއިން 831 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ރާއްޖެއަށް ޗައިނާއިން ގިނައިން އެތެރެކުރަނީ މެޝިނަރީ އާއި މެކޭނިކަލް އަދި އިލެކްޓްރިކަލް އެޕްލަޔަންސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!