އެމްޑީޕީ އޮފީސް ތެރޭގައި ހިންގި މާރާމާރީއެއްގައި މަޖިލީހުގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދީ، ބޯފަޅާލި މީހާ 15 މަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
އެމްޑީޕީ އޮފީހުގައި މަސައްކަތްކުރާ މަންދީއަށް އެ އޮފީހުގައި އުޅުނު މުހައްމަދު ޖަޒީލް ޗޭނުގަނޑަކުން މިދިޔަ ސެޕްޓެމްބަރު މަހު ހަމަލާދިނީ އޭނާގެ މުސާރަ ހިފެހެއްޓުމުން ހިތްހަމަނުޖެހިގެންނެވެ. މަންދީގެ އިތުރުން އެ އޮފީހުގެ އިތުރު މުވައްޒަފަކަށް ވެސް ޖަޒީލް އެދުވަހު ހަމަލާދިނެވެ.
ޖަޒީލްގެ މައްޗަށް ކުރި ދެ ދައުވާގައި އޭނާ ކުށަށް އިއުތިރާފްވުމުން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ 15 މަހާއި އަށް ދުވަހަށް ޖަލަށްލުމަށެވެ. އެއީ މަންދީއަށް ހަމަލާދިނުމުގެ ކުށުގައި ނުވަ މަހަށް އަދި ދެވަނަ މީހާއަށް ހަމަލާ ދިނުމުން ހަ މަހަށް ޖަލަށްލުމަށެވެ. އެއީ އެ ދެ ކުށުގެ އަސާސީ އަދަބަށް ވުރެ ކުޑަ އަދަބެވެ.
އޭނާގެ އަދަބު ލުއިވީ ކުށަށް އިއުތިރާފްވުމުން ކޯޓުގެ ވަގުތު ސަލާމަތްވެފައިވާތީ އަދަބުގެ ދެ ދަރަޖަ ދަށްކުރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!