ރާއްޖޭގައި މިހާރުތިބި ޔޫކްރެއިނާއި ރަޝިއާގެ ފަތުރުވެރިން ވީސާ އިތުރުކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެ ގޮތް ހަދައިދެއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކަށް އެތަންތަނުގައި ތިބި މި ދެ ގައުމުގެ ފަތުރުވެރިންގެ އަދަދާއި އެމީހުން ފުރުމަށް ހަމަޖެހިފައިވާގޮތް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން އެދިފައިވާނެކަމަށެވެ. އަދި އެ މައުލޫމާތުތައް މިހާރު މިނިސްޓްރީއަށް ލިބެމުންދާކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

ޔޫކްރެއިނާއި ރަޝިއާއަކީ ރާއްޖެއިން އޮން އެރައިވަލް ވީސާ ދޭ ގައުމުތަކެވެ.

ރަޝިއާއިން ޔޫކްރެއިންނަށް ހަނގުރާމަ ފަށައި ހަމަލާ ދެމުން އަންނައިރު ދެ ގައުމަކީ ވެސް ކޯވިޑަށްފަހު ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކެވެ. މި ދެ ގައުމުގެ ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިވަގުތު އެބަތިއްބެވެ.

"ވީސާ އިތުރަށް ބޭނުންވެއްޖިއްޔާ ޓޫރިސްޓް ވީސާ 90 ދުވަހަށްވެސް ލިބޭނެ އެކިފަހަރު މަތިން އިމިގްރޭޝަނުން މިއަދު އަޅުގަނޑަށް ޔަގީންކަން އެރުވި އެއްވެސް ހާލަތެއްގައި އެބޭފުޅުން ރަށަށް ދިއުމުގައި ދަތިތަކެއް ދިމާވެގެން ރަށަށްދާން ބޭނުން ނުވެގެން މަޑުކޮށްގެންވެސް ދިގުލައިގެން ގޮސްގެން ވީސާ އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިދޭ އިހުތިޔާރުގެ ތެރެއިން އެ ވީސާ ދެއްވާނެކަމަށް." މައުސޫމް ވިދާޅުވިއެވެ.

ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.