ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި މައްސަލާގައި އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ހައި ކޯޓުގައި މިއަދު ބަދަލުކޮށްފި އެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދީފައި ވަނިކޮށް ސިޓީ ކައުންސިލުން މިދިޔަ އަހަރު ވަނީ އެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. އެ މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެން ހުޅުމާލެ އެޗްޑީސީގެ ދަށުގައި ބޭއްވުމުގެ ވަގުތީ އަމުރެއް އެ ކޯޓުން ނެރެދިނެވެ.
ވަގުތީ އަމުރު ސިޓީ ކައުންސިލުން އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމުގައި ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލުން ރަޖިސްޓްރީ ބާތިލް ނުކުރިޔަސް، ހުޅުމާލޭގެ ސައްހަ ރަޖިސްޓްރީއެއް އެޗްޑީސީ އަތަކު ނޯންނާނެ އެވެ. ސަބަބަކީ ހުޅުމާލޭގެ ބިމުން އެހެން މީހުންނަށް ވިއްކާފައި ހުރި ބިންތައް ވެސް ހިމެނޭހެން، މުޅި ރަށުގެ ބޮޑު ރަޖިސްޓްރީއެއް އެޗްޑީސީން ގެންގުޅެމުން ދިއުމުން ކަމަށާއި އަދި އެއީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން އިތުރަށް ބުނިގޮތުގައި ލާ މަރުކަޒީ ގާނޫނުން އެ ކައުންސިލަށް ލާޒިމްވާ ކަންކަން ވެސް އެޗްޑީސީގެ ސަބަބުން ނުކުރެވެ އެވެ. އަދި ވަގުތީ އަމުރުގެ ދަށުން އެޗްޑީސީގެ ދަށުގައި ހުޅުމާލެ އޮތުމުން ކައުންސިލަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެޗްޑީސީގެ ވަކީލް ވިދާޅުވީ އެ ކުންފުނިން ގެންގުޅުނު ރަޖިސްޓްރީ ހަދައިދިނީ އަދި އޭގައި ސޮއިކޮށްފައި އޮތީ މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި އެއީ ސައްހަ ނޫން ނުވަތަ އަމިއްލައަށް ހަދައިގެން އުޅޭ ރަޖިސްޓްރީއެއް ކަމަށް ސިޓީ ކައުންސިލަށް ބުނެވެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަޖިސްޓްރީ އޮތްހާ ހިނދަކު، އެ ކުންފުނީގެ ހައްގު ހުޅުމާލޭގެ މައްޗަށް އޮންނާނެ ކަމަށް ވެސް އެ ކުންފުނީގެ ވަކީލް ވިދާޅުވި އެވެ.
އެ ކައުންސިލްގެ މަސައްކަތްތަކަށް އެޗްޑީސީގެ ސަބަބުން ހުރަސް އެޅޭ ކަމަށް ބުނާތީ އެކަމަށް ރައްދުދީ، އެޗްޑީސީގެ ވަކީލް ވިދާޅުވީ ޒިންމާއަށް ހުރަސް އެޅުމަކީ ބައެއްގެ މުދަލެއް ނުހައްގުން އަތުލެވޭނެ ސަބަބެއް ނޫން ކަމަށެވެ. ހައްލު ހޯދަން ކޯޓަށް ދިއުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށާއި އަދި އެ ބިމުން ބައެއް ހޯދުމަށް ވެސް އޮތް ގޮތަކީ ކޯޓަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!