އަވަށްޓެރި ސްރީލަންކާގައި މިމަހުގެ 5 ވަނަ ދުވަހުގެ ރޭ މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓް މޯޓަމް ހަދައިފި އެވެ.

ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ޒުވާނާއަކީ، ދ. މީދޫއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރު އެވެ.

Ad
rt

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހަވީރު ވިދާޅުވީ، ލަންކާގައި މަރުވެފައިވާ އޮއްވާ ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ހަދާފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވާ ޓީމަށް ލަންކާގެ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އަފްހާމްގެ އާއިލާގެ ފަރާތުން އަންނަނީ މިރޭގެ ވަގުތެއްގައި އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަފްހާމްގެ މަރާއި ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ދިވެހި ފުލުހުންގެ ސީނިއާ އޮފިސަރަކާއި އިންވެސްޓިގޭޓިވް ކޮމާންޑްގެ އޮފިސަރަކު ގެންދަވަނީ ލަންކާ ފުލުހުންނާއެކު މަސައްކަތް ކުރަށްވަމުންނެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއިން ލަންކާގައި ތައުލީމު ހާސިލުކުރަމުންއައި އަފްހާމް މަރުވެފައި އޮއްވައި ފެނުނީ ރޭލު ދަގަނޑެއްގެ ކައިރިންނެވެ. އެ ސަރަހައްދުން އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ފެނިފައިވެ އެވެ.