ސްޓެލްކޯގެ ކުރީގެ ޗެއާމަން އަލްމަރުހޫމް މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.
މި ތައުޒިޔާގެ ދަފްތަރު ރައީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ލިޔުއްވި ބަޔާނުގައި ވަނީ މުހައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިހްލާސްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ހިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައިކަމަށާއި ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ރައީސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މުހައްމަދު ރަޝީދު އަކީ ކަރަންޓުގެ ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ސްޓެލްކޯޔެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ލިޔުއްވި ބަޔާނުގައި ވިދާޅުވީ ރަޝީދަކީ، މަދުރަސީ ދައުރު ނިމުނީއްސުރެ، އަވަހާރަވަންދެން، ހަކަތައިގެ ސިނާއަތުގައި ދެމިހުންނެވި، ގައުމީ ހިދުމަތްތެރިއެއްކަމަށެވެ. އަދި އޭނާ އަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ ތަޖުރިބާހުރި، އަހުލާގު ރަނގަޅު ހީވާގި ބޭފުޅެއް ކަމަށާއި ރަޝީދު އަވަހާރަވުމަކީ، ސްޓެލްކޯއަށާއި، ކަރަންޓުގެ މުޅި ސިނާއަތަށް އަދި މުޅި ގައުމަށްވެސް ލިބުނު ގެއްލުމެއް ކަމަށް މުޣުނީ ވިދާޅުވިއެވެ.
ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ބޯޑް މެމްބަރުންނާއި، ކުންފުނީގެ އިސްވެރިންގެ އިތުރުން ރަޝީދުގެ އާއިލާގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރަޝީދު އަވަހާރަވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު އެވެ.
ރަޝީދު ސްޓެލްކޯއާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުންނެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ސީއީއޯ ގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ.
ސްޓެލްކޯގެ ބޯޑުގެ ޗެއާމަން ކަމަށް ރަޝީދު އައްޔަން ކުރީ 12 ފެބްރުއަރީ 2019 ގައެވެ. ރަޝީދު އަވަހާރަވުމާއި ހަމަޔަށްވެސް ހުންނެވީ ސްޓެލްކޯގެ ބޮޑުގެ ޗެއާމަންގެ މަގާމުގައެވެ.
ރަޝީދުގެ ތައުޒިޔާގެ ދަފުތަރުގައި ސޮއެ ކުރައްވަން ބޭނުންވާ މީހުންނަށް މިމަހުގެ 22 ވަނަ ދުވަހާއި ހަމަޔަށް، ރަސްމީ ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި ސްޓެލްކޯއަށް ގޮސް ސޮއި ކުރުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!